ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރިޔަށް ގެންދަވާ، ޅ. ނައިފަރު ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ޖޫންމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ މަސައްކަތާއި ހަވާލުވެފައިވާ މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މިފަދައިން ބުނީ، ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމާއި ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ޓީމަކާއިއެކު މިއަދު އެމްޑަބްލިއުއެސްސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި އެ ކުންފުނީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމް އަދި ނައިފަރު ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ނައިފަރުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައިހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން، އެމްޑަބްލިއުއެސްސީ އާއި މި ޕްރޮޖެކްޓް ހަވާލުވުމުގެ ކުރިން، ނައިފަރުގައި އަޅާފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ ބައެއް ކޮމްޕޮނެންޓްތައް މަދުވާކަން ވަނީ އެ ކުންފުނިން ފާހަގަ ކޮށްފައެވެ.

މި ބައްދަލުވުމުގައި، މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށް ދާއިރު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުމަށް ދެފަރާތުން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން މަޝްރޫއު ނިމިގެންދާއިރު ނައިފަރުގައި ނެޓްވޯކް އެޅުމަށް ކޮނެފައިވާ މަގުތައް ކޮންޕެކްޓްކޮށް އެއްވަރު ކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ފަރާތުންވަނީ ދީފައެވެ.

މި ބައްދަލުވުމުގައި ކައުންސިލުންވަނީ މި މަޝްރޫއު ކުރިޔަށް ގެންދިޔުމުގައި ސަރުކާރާއި އެމްޑަބްލިއުއެސްސީގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި އެމްޑަބްލިއުއެސްސީންވެސް ވަނީ މި މަސައްކަތުގައި ކައުންސިލުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.

މި މަސައްކަތަކީ "ބިލްޑް އޮންލީ" އުސޫލުން އެމްޑަބްލިއުއެސްސީއާއި ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން