ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެނަކައިން ދިނުމަށް ތައްޔާރު ވެއްޖެއެވެ.

ފެނަކައިން މިއަދު ބުނީ، ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރ ޓެސްޓް ކުރުން، މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރަށްވުރެ އަވަސް މަގުން މީޓަރ ޓެސްޓްކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ކުންފުނިން މިހާރުވަނީ މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

މިގޮތުން، މީޓަރ ޓެސްޓް ކުރުމުގެ ހިދުމަތް، މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ތައާރަފް ކުރަން ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން ދާކަމަށް ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ އެ ކުންފުނިން މީޓަރ ޓެސްޓް ކުރުމުގެ ހިދުމަތް ތައާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ހިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ހިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ، ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ހިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން