މިހާރު ބޭނުންކުރަމުންދާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ބަދަލުގައި އައު އައިޑީ ކާޑެއް ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުން މިހާރު ވަނީ އައިޑީ ކާޑުގެ އައު ޑިޒައިނެއް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެެވެ.

ޑީއެންއާރުން ބުނީ މިހާރު ބޭނުންކުރާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީގޮތުން ފުރިހަމަ، ޒަމާނީ ސެކިއުރިޓީ ފީޗާރސްތައް ހިމެނޭ ސްމާޓް އައި.ޑީ ކާޑެއް ތަޢާރަފުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި ކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން އެ ޑިޕާޓްމަންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޑީއެންއާރުން ބުނީ އެއްވަނައަށް ހޮވޭ ޑިޒައިނަކަށް 2 ލައްކަ ރުފިޔާގެ އިނާމެއް ލިބޭނެކަމަށެވެ. އަދި ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ދައްކާ، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ ކަމަށްވެސް ޑީއެންއާރުން ބުނެއެވެ.

ޑިޒައިންކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އިސްލާމީ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޢާއްމުކޮށް ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުނުވާ ގޮތަށް ކުރެހުންތައް ޑިޒައިންކުރުން ހިމެނެއެވެ. އަދި ކުރެހުމުގައި ދިރިހުރި ނުވަތަ މަރުވެފައިވާ މީހެއްގެ ސޫރަ ހިމަނައިގެން ނުވާނެކަމަށް ޑީއެންއާރުން ބުނެއެވެ.

މިމަސައްކަތަށް ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 21ވަނަ ދުވަހުގެ 14:00އެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި، ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮންނަނީ އޮގަސްޓަމަހުއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލުގެނައުމަށް ނިންމާފައިވާއިރު ސަރުކާރުން ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މިއަހަރުގެ ފަހުކޮޅު ފަށާނެކަމަށް އިޢުލާންކޮށްފައެވެ.

މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި 1980ގެ ތެރޭގައި ބޭނުންކުރަން ފެށި ކާޑެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޟަމީރު

01-Jul-2022

ތިޔަވަރުގެ ޑިޒައިނެއް ހަދާލެވޭވަރުގެ ބޭފުޅަކުވެސް ސަރުކާރުގެ ތެރޭގައި ހަމަނެތީތޯ.. ޚަރަދުކުޑަކުރަން ވާހަކަ.......



ޓްރެންޑިން