އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަން.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަން.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވާނެ ބޭފުޅަކު އަންނަ ސެޕްޓެމްބަރ މަހުގެ ފަސްވަނަ ދުވަހު އިއުލާންކުރަން ހަމަޖެހިފައިވާކަން އިނގިރޭސިވިލާތުގެ ސަރުކާރުގެ ވުޒާރާތަކުން ހާމަކޮށްފިއެވެ. އެގޮތުން ކެންޑިޑޭޓުން ހޮވުމަށް ފެށުމަށް ނަގަންޖެހޭ ފުރަތަމަ ވޯޓު ނެގުން މި ހަފްތާގައި ކުރިއަށްދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.



އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ވާދަކުރުމަށް މިހާތަނަށް 11 މެމްބަރަކު، ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕްގެ ފަރާތުން ބައިވެރިވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޕާޓީ އިންތިހާބުން މޮޅުވާ ބޭފުޅަކު ބޮޑުވަޒީރު ހޮވުމަށް ކުރިއަށްދާނެ އިލެކްޝަންގައި ވާދަ ކުރާނެކަމަށް އެޕާޓީން ހާމަކުރެއެވެ.

މީގެ ތެރޭގައި، ބޮރިސް ޖޯންސަންގެ ސަރުކާރު ވައްޓާލުމަށް އެހީތެރިވެދިން ރިޝީ ސުނާކް އާއި ސާޖިދު ޖާވިދު ފަދަ ކުރީގެ ވަޒީރުންވެސް ހިމެނެއެވެ. އަދި މީގެއިތުރުން، ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް އާއި އަލަށް މަގާމާ ހަވާލުވި ފިނޭންސް މިނިސްޓަރު ނާދިމް ޒަހަވީ ވެސް ކުރިމަތިލާނެ ކަމަށް އިއުލާންކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޮންސަން އިސްތިއުފާދެއްވާފައިވަނީ އެމަނިކުފާނު ވެރިކަން ކުރަން ފިޓް ނޫން ކަމަށް ބުނެ ވަޒީރުންނާއި އޭނާ ނިސްބަތްވާ ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އޭނާއާއިމެދު ހިޔާލު ތަފާތުވެ، ސަރުކާރުގެ ގިނަ އިސްވެރިންތަކެއް އިސްތިއުފާދެއްވުމަށް ފަހުއެވެ.

2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެޑައިގެންނެވި ބޮރިސް ޖޮންސަންއަށް އޮތް ތާއީދު ދާދި ފަހުން ދައްވާންފެށީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކްރިސް ޕިންޗާ ފިރިހެނެއް ގްރޯޕް ކުރި ކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިވާން މަޖުބޫރުވުމުންނެވެ. މިހާދިސާ އާއި ގުޅިގެން ޖޯންސަން ވަނީ ޕިންޗާ އައްޔަން ކުރުމުގެ ކުރިން ޖިންސީ ގޯނާގެ ޝަކުވާތަކެއް ހުށަހެޅިފައިވިނަމަވެސް އެކަން ހަނދާން ނެތުން ކަމަށްބުނެ މައާފަށް ވެސް އެދިވަޑައިގެންފައެވެ.

އެއަށްފަހު ބޮރިސް ޖޮންސަންގެ ޑައުނިން ސްޓްރީޓްގެ ގެއާއި އޮފީހުގައި ބޭއްވި ޕާޓީތަކުގެ މައްޗަށް ނެރުނު ލަދުވެތި ރިޕޯޓެއްގައި ކޮވިޑް-19 ލޮކްޑައުންގެ ހަރުކަށި ގަވާއިދުތަކާ ހިލާފުވެ، 56 ވަނަ އުފަންދުވަހަށް އެއްވުމާ ގުޅިގެން ފުލުހުން ޖޫރިމަނާ ކުރިތަންވެސް ފެނިގެންދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން