ޤައުމު ތަމްޞީލުކުރަން ފުރުޞަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ޤައުމު ތަމްޞީލުކުރަން ފުރުޞަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއްކަމަށާއި، އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެތްލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަޞީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭކަންކަން ސަރުކާރުން ކުރަމުންދާކަމުގައި ވިދާޅުވެފައެވެ.

އަދި، ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއްނެތި ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ " ފޯ ދި އޯޝަންސް" ގެ ނަން ދެވިފައިވާ ޖަރޒީ ކިޓެއް ހަދިޔާ ކޮށްފައެވެ. ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.

މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 8 ވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ތުރުކީގެ ކޮންޔާގައި އޮގަސްޓް 8 އަދި 9 ވަނަ ދުވަހު ބާއްވާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން