ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ހުޅަނގުމޫސުމުގެ ބާރު ގަދަވެ ކުރަމުންމިދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ މޫސުން ގޯސްވާނެތީ މުޅި ރާއްޖެއަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން