ހައިވަކަރު އަޙްމަދުފުޅު ރައީސް މައުމޫންގެ އަރިހުގައި
ހައިވަކަރު އަޙްމަދުފުޅު ރައީސް މައުމޫންގެ އަރިހުގައި
އަލްމަރުޙޫމް ހައިވަކަރު އަޙްމަދުފުޅަކީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގައި ރީތިނަމޫނާއެއް ދެއްކެވި ހިތްވަރުފުޅުގަދަ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، ސަރުކާރާއި ދިވެހި ޢަސްކަރިއްޔާއަށް ވަރަށް ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި މައްޗަންގޮޅި ހައިވަކަރުގޭ އަޙްމަދު ޔޫސުފް އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވަމުންނެވެ.

ރައީސް ވިދާޅުވީ އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، ދިވެހި ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެއްކަމަށާއި އަދި އެއީ ސަރުކާރަށް ޚިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްކަމަށެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 89 އަހަރެވެ.

އަލްމަރުޙޫމް ހައިވަކަރު އަޙްމަދުފުޅު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 8 އޮކްޓޯބަރ 1953 ގައެވެ. އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ދިވެހި ޢަސްކަރިއްޔާގައެވެ. ޢަސްކަރިއްޔާގެ ޚިދުމަތުގައި 24 އަހަރަށްވުރެ ގިނަ ދުވަހު އުޅުއްވިއިރު، ޢަސްކަރިއްޔާގެ އިސް މަގާމުތަކެއް ފުރުއްވިއެވެ. އެގޮތުން ޢަސްކަރިއްޔާގެ ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅަކީ، 3 އަތޮޅެއްގެ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، މުލަކަތޮޅު އަތޮޅުވެރިކަމާއި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަންވެސް ކުރެއެްވިއެވެ. މުލަކަތޮޅު އަތޮޅުވެރިކަން 2 ފަހަރެއްގެ މަތިން ކުރެއްވިއެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު ފުރުއްވި އެހެން ބައެއް މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީކަމާއި، ރެންޓަލްސް ޑިވިޜަންގެ އެސިސްޓެންޓް މެނޭޖަރކަމާއި، މެނޭޖަރކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ހިމެނެއެވެ. އަދި އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓް ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން