ރާއްޖެ މިހާރު އޮތް ހާލަތާއި ކުރީގެ ރައީސް ނަޝީދުގެ ވިސްނުމާއި ފިކުރު ހުރިގޮތަށް ބަލާއިރު އެމަނިކުފާނާއިއެކު މަސައްކަތް ކުރުމަކީ "ވުމަށް ވުރެ ނުވުން ގާތް ކަމެއް" ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ގިނަ ދުވަސްތަކަކަށްފަހު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް މިރޭ ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުޙައްމަދު ނަޝީދު ގަރާރެއް ހުށަހަޅުއްވާފައިވަނިކޮށް، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަކީ އަމިއްލަ ހިޔާލުފުޅުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ މި މުޖުތަމައަށް އެ ނިޒާމު އެންމެ ރަނގަޅު ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ މޭރުމަކުން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދާއިއެކު ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ، ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށާއި، ޕީޕީއެމްގެ ކައުންސިލުން ވެސް ނަޝީދު އަދި އެހެން ބަޔަކާއެކު ވެސް ކޯލިޝަން ހަދަން ނިންމާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އަދި ސިޔާސީ ގޮތުން ރައީސް ނަޝީދަކީ އެމަނިކުފާނާއި މުޅިން ހިޔާލުތަފާތު ބޭފުޅެއް ކަމަށާއި، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުންތަކުގެ ބޭނުން ހިއްޕަވައިގެން ރައީސް ނަޝީދާއެކު ކޯލިޝަން ހެދުމުގެ ވިސްނުންފުޅެއް ވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން