ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސްނެގުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދު ހެނދުނު 9:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވަނީ އެ މައްސަލަ ބައްލަވާ އިސް ޤާޟީ އަހުމަދު ޝަކީލް ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާޟީ ޝަކީލް ޗުއްޓީ ނަންގަވާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.

މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ ދަޢުލަތުން ހުށައަޅާފައިވާ 6 ހެކިވެރިއެއްގެ ހެކިބަހެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން