ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ބ. އޭދަފުށި ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ސާލިޙު ވިދާޅުވީ އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރަށްވައި ރަށުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރަށްވާފައިވާ ކަމަށެވެ. ކައުންސިލުން ފާހަގަކުރެއްވި މުހިއްމު އެއްކަމަކީ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މައްސަލަ ކަމަށާއި ރައްޔިތުން އެންމެ ބޭނުންވެފައިވާ ކަންކަމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތް ކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތު ކުރަން ބޭނުންވެފައިވާ ކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކުރަން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކާއި ބ. އަތޮޅު ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާ ކަންކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްގީ ކުރަން ބޭނުންވާކަމާއި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާއީ ކުރިއެރުމަށް ބޭނުންވާކަންކަންވެސް ކައުންސިލު މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އޭދަފުށީ ކައުންސިލާއެކު މީގެ ކުރިން އެމަނިކުފާނު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ފާހަގަ ކުރެއްވި ގިނަ ކަންކަން ސަރުކާރުން މިހާރު ކޮށްދެއްވާފައިވާކަމަށެވެ. އަދި މިއަދު އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން