ރައީސް އޮފީހުގައި މިއަދު އޮތް ބަައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި މިއަދު އޮތް ބަައްދަލުވުމުގެ ތެރެއިން
ބޯޓުފަހަރު އެޅުމަށް ހާއްސަ ފަޅެއް ތަރައްގީ ކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި، އެ އެސޯސިއޭޝަންގެ ބައެއް އިސް ވެރިންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސާއި އެ އެސޯއިއޭޝަންގެ ބޭފުޅުންވަނީ، ރާއްޖޭގައި ބޯޓިން ދާއިރާ ހިންގުމާއި އެ ދާއިރާ ކުރިއެރުވުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެންބީއޭއެމް ގެ މެންބަރުން ވަނީ އެ އެސޯސިއޭޝަން އުފެދުނީއްސުރެ ރާއްޖޭގައި ފަތުރުވެރިކަމަށް ދުއްވާ ސަފާރީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޯޓިން ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާތީ، ބައިނަލްއަޤްވާމީ ފެންވަރުގެ ކްރޫ ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް މޫދުގައި ދުއްވާ އުޅަނދުތައް ރަހުނުގެ ގޮތުގައި ބަހައްޓައިގެން ލޯނު ނެގޭނެ އުސޫލެއް ނެތުމުން ދިމާވާ ދަތިތަކާއި، ބައިނަލްއަޤްވާމީ ކްރޫޒް ލައިނަރތައް ރާއްޖޭގައި ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ގުދުރަތީ ވަސީލަތްތައް އެންމެނަށް ވެސް ބޭނުން ހިފޭނެ ގޮތަކަށް ބެލެހެއްޓޭނެ ޕްލޭނެއް އޮތުމުގެ މުހިންމުކަމާއި، އެ އެސޯއިއޭޝަންގެ މަސައްކަތްތައް ފުޅާވަމުންދާއިރު އެތަނުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ބޯޓުފަދަ އުޅަނދުތައް އަޅާނެ ބަނދަރެއް މާލެ ކައިރީ އޮންނަ ދިޔަނަރު ފަޅާ ޖެހިގެން އޮތް ފަޅުގައި ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި މި މަސައްކަތް ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނޮވެމްބަރު މަހު ފަށާނެކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ އެންބީއޭއެމްގެ ބޭފުޅުން ފާހަގަކުރެއްވީ މުހިންމު ކަންކަން ކަމަށްވުމުން ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން