މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ބުނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވެފައިވަނީ މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު 43އ، ކަމަށެވެ.

މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށާއި ސީޕީއާރަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު 17:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސުން މައުލޫމާތުދެއެވެ.

މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކަރެކްޝަންސުން ބުނެއެވެ.

މުޙައްމަދު ނަޝީދު މަރުވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ކަރެކްޝަންސުން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު