މަސްވެރިންނަށް ކުރިޔާލާ އައިސް ގަނެވޭނެ އިންތިޒާމު ފެނަކަ ކޯޕަރޭޝަނުން ހަމަޖައްސައިފިއެވެ.

ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާ ގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.

އެގޮތުން، މިއަދު މިފްކޯގެ 14 އައިސްޕްލާންޓް ފެނަކައާ ހަވާލުކުރިއިރު، "ފެނަކަ އައިސް" އޮންލައިން ހިދުމަތް ވަނީ ތައާރަފް ކޮށްފައެވެ. ފެނަކައިން ބުނީ މި ހިދުމަތް މެދުވެރިކޮށް، އައިސް ބޭނުންވާ އަދަދު ޖަހާލުމުން ޖުމްލަ އަގު ފެނިގެންދާނެ ކަމަށެވެ. އަދި މަސްދަތުރަށް ތައްޔާރު ވުމުގެގޮތުން ދުރާލާ، ބޭނުންވާ ޕްލާންޓަކުން އައިސް ޕްރީއޯޑަރު ކުރެވޭނެ ކަމަށާއި އެއާއެކު އައިސް ލިބޭނެ ގަޑި ވެސް އެ ޕޯޓަލުން އެނގިގެން ދާނެކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އައިސް އަށް ޕްރީއޯޑަރު ކުރުމުން އޯޑަރު ކުރި އަދަދާއި ޖުމްލަ އަގާއެކު ކޮންފަރމޭޝަން މެސެޖެއް ލިބޭނެ ކަމަށާއި އަދި ކުރީގެ އޯޑަރުތަކުގެ ތަފްސީލު ވެސް އެ ޕޯޓަލްއިން ބަލާލެވޭނެކަމަށް ފެނަކައިން ބުނެއެވެ.



މިވަގުތު އައިސް ޕްލާންޓްތައް ހުރީ ޖުމްލަ 14 ރަށެއްގައެވެ. އެއީ ހއ.އިހަވަންދޫ، ނ.ޅޮހި، ރ.އަލިފުށި، ބ.ތުޅާދޫ، ފ.ނިލަންދޫ، ފ.ފީއަލި، ތ.ހިރިލަންދޫ، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގއ.ގެމަނަފުށި، ގއ.ކޮލަމާފުށި، ގދ.ފިޔޯރީ، ގދ.ފަރެސްމާތޮޑާ އަދި ސ.ހިތަދޫއެވެ.

ފެނަކައިން ބުނި ގޮތުގައި މި ހިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަގީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. އަދި ޔަގީންކަމެއްނެތި އައިސް ހޯދަން ކިއުގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުން ގެނެވި މަސްވެރިންނަށް އެކަމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން