ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި ރޭ، ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ރަށްތަކުގެ ޚާއްޞަކޮށް ބޮޑުތިލަދުއްމަތީގެ ރަށްރަށުގައި އިހު އޮތް ފުދުންތެރިކަމާއި ތަނަވަސްކަމާއި އުފެއްދުންތެރިކަމާއި އިޤުތިޞާދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން އެޒަމާނުގައި ސީދާ އަތޮޅުތަކުން ރާއްޖެއިން ބޭރަށް ކުރަމުން އައި ވިޔަފާރި ދަތުރުތަކާއި އެދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އޮތް ގޮތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އައި ބަދަލާއިއެކު އަތޮޅުތަކާއި ރަށްތަކުގެ އިޤުތިޞާދަށް ލިބިގެން ދިޔަ ނިކަމެތިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެއްލިދިޔަ އެތަނަވަސްކަމާ، ފުދުންތެރި އަމިއްލަ އިޤުތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާ، އަތޮޅަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެބަދަލު ފެށިގެން އަންނަނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށާއި، ބޮޑު ތިލަދުންމައްޗަށް ގެނެވިފައިވާ މިބަދަލުން ކަމަށެވެ. އަދިކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރް.ޓީ.އެލްގެ އުޅަނދު ފަހަރުން، ހުވަދުއަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގެ ރަށްތައް ގުޅާލެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑު ތިލަދުންމައްޗަށް ގެނެވެމުންދާ ބޮޑު ބަދަލުގެ ތެރެއިން، ހަނިމާދޫ އެއާޕޯޓަށް ގެނެވޭ ތަރައްޤީއާއި އެކު ތިލަދުންމަތީގެ އިޤުތިޞާދަށް އަންނާނެ ބަދަލުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަށް ބޭނުންވާ، 2.1 ބިލިއަން ރުފިޔާ ހަމަޖެހި، އެމަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއްގެ ގޮތުގައި ތަރައްޤީކުރެވި، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެއް އިމާރާތް ކުރެވޭނެ ކަމަށާއި، އެއާއި އެކު ތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، 8000 ޓޫރިސްޓް އެނދު ޤާއިމްކުރުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނާ، ޒިޔާރަތްކުރައްވާ ކޮންމެ މީހަކަށްވެސް ދަތުރުފަތުރުގެ ޔަޤީންކަން މިއަދު އޮންނާނެ ކަމަށެވެ. އަދި އާރް.ޓީ.އެލްގެ ސަބަބުން މުދަލާއި ޚިދުމަތާ، ވިޔަފާރިއާ ސިއްޙަތާ، ތަޢުލީމާ، ކުލުނާ ލޯބިން، މިޒޯނުގެ 41ރަށް އެއްކޮށް ބަދަހިކޮށް ބަނދެދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ މެދުގައި އޮތް ދުރުކަމާ، ހުސްކަމާ ފޫހިކަން، މަޑުމަޑުން ނައްތައިލާނެ ވަޞީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، އާރް.ޓީ.އެލް ފެރީ ކަމުގައި ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން