ބޯހިމެނުމުގެ ފީލްޑް މަސައްކަތް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދުވެސް ކުރިއަށް ގެންދާނެ ކަމަށް ތަފާސްހިސާބާބެހޭ ޤައުމީ ބިއުރޯއިން ހާމަކޮށްފިއެވެ.

އެ ބިއުރޯއިން މިއަދު ބުނީ ބޯހިމެނުމުގެ މާލޭގެ ފީލްޑް މަސައްކަތް ރޭގެ ނިޔަލަށް ނިންމާލެވުނުއިރު އަދިވެސް ބައެއް އިމާރާތްތަކަށާއި ދިރިއުޅޭ ތަންތަނަށް ނުވަދެވި ހުރިކަމަށެވެ. އޭގެއިތުރުން މުޅިން ފުރިހަމަ ނުކުރެވިވާ ތަންތަން ހުރުމާއިއެކު މިފަދަ ތަންތަނުގެ މަޢުލޫމާތު ހޯދުނު މިންވަރަކުން ފުރިހަމަކުރަމުން ގެންދެވޭނެ ކަމަށް ތަފާސްހިސާބާބެހޭ ޤައުމީ ބިއުރޯއިން ހާމަކޮށްފައިވެއެވެ.

އެހެންކަމުން، މާލޭގައި މިހާތަނަށް ބޯހިމެނިފައިނުވާ ދިރިއުޅޭ ތަންތަނާއި، ލޭބަރ ކުއާޓަރ އަދި ރެޖިސްޓަރ ކޮށްގެންހިންގާ އިޤްތިޞާދީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެމްޕްލޯޔަރުންގެ އެހީތެރިކަމަށް އެ ބިއުރޯއިން ވަނީ އެދިފައެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުކުރެވޭތީ އެބިއުރޯގެ ލިޔުން ލިބިފައިވާ ހުރިހާ ފަރާތްތަކުންވެސް ބިއުރޯގެ ހޮޓްލައިން 1423 އަށް ގުޅުއްވުމުން އެފަރާތްތަކުގެ ބޯހިމެނުމުގެ މަޢުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދާނެކަމަށް ތަފާސް ހިސާބާބެހޭ ބިއުރޯއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް 29 ސެޕްޓެންބަރުން ފެށިގެން 3 އޮކްޓޯބަރ ގެ ނިޔަލަށް، ބިއުރޯގެ ވެބްސައިޓްގައިވާ ފޯމް މެދުވެރިކޮށް، މަޢުލޫމާތު ފުރިހަމަކުރުމަށް އެދެވޭނެ ކަމަށްވެސް އެބިއުރޯއިން ވަނީ ބުނެފައެވެ.

"ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގެ ދަށުން ބޯހިމެނުންތަކަށް މަޢުލޫމާތު ދިނުމަކީ އެންމެހާ ފަރާތްތަކަށް ލާޒިމުކުރާ ކަމެކެވެ. އަދި މި ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ބޯހިމެނުމުގައި ހޯދާ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓޭނެ އެވެ. ބޯހިމެނުމުގައި ވަކިވަކި ފަރުދުންނާއި، ވިޔަފާރިފަދަ ތަންތަނުން އެއްކުރާ ފަރުދީ މަޢުލޫމާތު އެކުލެވޭ ޑޭޓާ ބޭނުންކުރެވޭނީ ހަމައެކަނި ތަފާސްހިސާބު އެކުލަވާލުމަށެވެ." ތަފާސްހިސާބާބެހޭ ޤައުމީ ބިއުރޯއިން މިއަދު ބުނެފައިވެއެވެ.

ބޯހިމެނުމަކީ ޤައުމީ ފެންވަރުގައި ހިންގޭ ވަރަށްބޮޑު މަސައްކަތަކަށްވުމާއިއެކު، އާއްމުންގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ ވަރަށްބޮޑު އެދުމެއް ކަމަށް އެ ބިއުރޯގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން