އިބްރާހިމް ފަހީމް   28 ސެޕްޓެމްބަރު 2022 - 22:55
ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ފުވައްމުލަކު ސިޓީގައި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވެފައިވަނީ، ފުވައްމުލަކު ސިޓީ، މިސްކިތްމަގު އަވަށުގައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މިސްކިތްމަގުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ދުއްވާ އެއްޗިއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުންދާތީ، އެ ސަރަހައްދުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެ ރަށުން އެދިފައިވާ ކަމަށެވެ.

އެހެންކަމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަ ސްޓޭޝަންގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް މިއަދު މެންދުރު 13:00 ހާއިރު ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ފ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން މިއަދު އޮތީ ވައިޓު އެލާޓު ވެސް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން