މޯލްޑިވްސް ސްޓޭޓް ޝިފިންގ ލައިންގެ ސަބަބުން އިގްތިޞާދީ އަދި ވަޒީފާގެ ފުރުސަތުތައް ހުޅުވެމުންދާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާއި ބެހޭ ދުވަހާއި ގުޅުވައިގެން ނެރުނު ނޫސް ބަޔާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކަނޑު ދަތުރުފަތުރުގެ ސިނާއަތަށް ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުން ގެނައުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެމަތިން ވަރަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވެމުންދާކަމަށެވެ.

އެގޮތުން ކެޕްޓަނުންނާއި އިންޖީނިއަރުން ތައްޔާރުކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި 30 އޮފިސަރުން ތަމްރީން ކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ބަޔާނުގައިވެއެވެ.



މިނިސްޓްރީގެ ބަޔާނުގައި 2020ވަނަ އަހަރު މޯލްޑިވްސް ސްޓޭޓް ޝިޕިންގ ނަމުގައި ޝިފިންގ ލައިނެއް ތައާރަފުކޮށް އެ ޝިފިންގލައިންގެ މަސައްކަތްތައް އަންނަނީ ހަރުދަނާ ކުރަމުންކަން ފާހަގަކުރިއެވެ. އަދި މި ޝިފިންގ ލައިންގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމަށާއި ރާއްޖެއިން މުދާ އެކްސްޕޯޓު ކުރުމަށް އަދި މި ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އިތުރު ވަޒީފާގެ ފުރުސަތުތައް ވަނީ ލިބެން ފަށާފައިކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި މެރިޓައިމް ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހަދައި މިދާއިރާ ހަރުދަނާކުރުމަށް މުޙިއްމު 14 ގަވާއިދެއް ނިންމުމުގެ މަރުހަލާގައިވާކަން ފާހަގަކޮށްފައިވެެއެވެ.

ކަނޑު ދަތުރުފަތުރާއި ބެހޭ ދުވަސް ރާއްޖޭގައިވެސް އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29ވަނަ ދުވަހު ފާހަގަކުރަމުންނެވެ.

މިއަހަރުގެ ޝިއާރަކީ "ނިއު ޓެކްނޮލޮޖީސް ފޮރ ގްރީނަރ ޝިޕިންގ" އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން