މާލޭގެ އަމީނީމަގުގައި ހުރި ގަސްތައް ކަނޑަން ޖެހުނީ އެ ގަސްތައް ބަހައްޓައިގެން މަގު ތަރައްގީ ކުރެވެން ނެތިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާނެ ކަމެއް ނޫންކަމަށާއި އެ ގަސްތައް ކަނޑަނީ އޭގެ މޫތައް މަގަށް ފެތުރިފައި ހުރި ގޮތުން އެ މަގުގައި ހޮޅި ވަޅުލުމާއި ތާރު އަޅާ އެކަންކަން ކުރުމަށް ދަތިވާތީ ކަމަށެވެ.

މިއުވާން ވިދާޅުވީ، އަމީނީ މަގުގައި އިންދާފައި ހުރި ގަސްތަކަކީ އެހެން މަގު ތަކުގައި އިންދާފައި ހުރި ގަސްތަކަށް ވުރެ ތަންކޮޅެއް ތަފާތު ގަސްތަކެއް ކަމަށާއި މާލޭގެ ފެން ފަށަލަ ތިލަކޮށް އޮންނާތީވެސް މި ގަހުގެ މޫތައް ފެތުރިގެން ދާކަމަށެވެ. އެއާއިއެކު މަގުތަކުގައި ވަޅުލާ ކޭބަލްތައްފަދަ އެއްޗެއްސަށް ވެސް ގެއްލުން ވަމުންދާކަމަށާއި އަދި ހޮޅިތައް ވަޅުލުމުގައި ވެސް ދަތިތަކެއް ދިމާވަމުން ދާކަމަށެވެ.

އޭނާ ވިދާޅުވީ އެމަސައްކަތް ކުރާ އާރްޑީސީން އެ ގަސްތައް އުކާލަނީ ނޫންކަމަށާއި، ގަސްތައް އެހެން ތަނެއްގައި އިންދާނެ ކަމަށާ އަދި މަގު ހެދުމުގެ މަސައްކަތް ނިމުމުން މަގު ފެހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

އަމީނީމަގުގެ ގަސްތައް ނަގާ މައްސަލާގައި އެންމެ ފުރަތަމަ އާރްޑީސީން ބުނެފައިވަނީ އެ މަސައްކަތްކުރަން ނިންމާފައިވަނީ ގަސްތަކަށް ގެއްލުން ނުވާގޮތަށް އެކަން ކުރަން ކަމަށެވެ. ނަމަވެސް، ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ، އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް ފަހުން އެ ކުންފުނިން ވަނީ ބުނެފައެވެ.

އަމީނީމަގުގެ ގަސްތައް ކަނޑާ މައްސަލަގައި މަޖިލީހަށް މިހާރުވަނީ ކުއްލި މައްސަލައެއްވެސް ވައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން