މިސްރުގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އަލް ގަރްޟާވީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމްދީނުގެ އިސް އިލްމްވެރިޔާ ޕްރޮފެސަރ ޑރ. ޔޫސުފް އަލްޤަރްޟާވީ އަވަހާރަވީ މިދިޔަ ހޯމަދުވަހުއެވެެ. އުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވި ޑރ. ޔޫސުފް އަލްޤަރްޟާވީ ވަނީ މިމަހުގެ 28 ވަނަ ދުވަހު ފަސްދާނުލާފައެވެ. ޕްރޮފެސަރ ޑރ. ޔޫސުފް އަލްޤަރްޟާވީ އަވަހާރަވިއިރު އޭނާ އިސްލާމް ދީނަށާއި މުސްލިމުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 80 ވަރަކަށް އަހަރު ވަނީ ވެފައެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މާދަމާގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ނަމާދަށްފަހު ގަރްޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުކުރު ކުރާ މިސްކިތްތަކުގައި މި ނަމާދުކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގަރްޟާވީ އަކީ މި ޒަމާނުގެ ފުންނާބުއުސް ޝަރީއާ އިލްމުވެރިއެއް ކަމަށެވެެ. އަދި އެމަނިކުފާނަކީ އިސްލާމީ ފިކުރާއި އިސްލާމީ ދައުވާގައި އެންމެ ފުންނާބު އުސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށް މިނިސްޓްރީގެ ސާކިއުލާގައިވެއެވެ. އަދި މި ޒަމާނާ ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްގީ ކުރުމާއި އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރިއާގެ ގޮތުގައި ގަރްޟާވީ ފާހަގަކުރެވޭ ކަމަށްވެސް މިނިސްޓްރީން ބުނެފަި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން