ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ "އެޕްރިސިއޭޝަން ރިސެޕްޝަން" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެވެސް، ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމަށެެވެ.

ހަމަ އެގޮތަށް ފަތުރުވެރިކަމުގެ އެންމެ މަތީފަންތީގެ މަންޒިލުތަކާ ރާއްޖެއިން ވާދަކުރަމުންދާއިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ގޮނޑުދޮށްތަކާއި މޫދާ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއްދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ގަޔާ ވަނީ ދިވެހިންގެ މެހްމާންދާރީ އާއި ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ކަމަށެވެ. އެހެންކަމުން މި ސިފަތައް ދިވެހި ފަތުރުވެރިކަމުގައި ދެމެހެއްޓޭނީ "ވަން އައިލޭންޑް ވަން ރިސޯޓް" ކޮންސެޕްޓް ދަމަހައްޓައިގެން އެމަނިކުފާނު ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިގޮތަށް އަލިއަޅުވާލައްވައި މި ސިނާޢަތް ރާއްޖޭގައި ފެށްޓެވުމުގައި އެންމެ އިސްދަޢުރު އަދާކުރެއްވި ބޭފުޅުން އޭރު މިސިނާޢަތް ފެށްޓެވުމަށް ކުރެއްވި ބުރަބޮޑު އުދަގޫ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ސިނާޢަތް ފެށިގެން މިހާތަނަށް އައިއިރު މިސިނާޢަތުގައި މަސައްކަތްކުރި އަދި ކުރަމުންގެންދާ ފަރާތްތަކާއި އަދި އެކިގޮތްގޮތުން ސިނާޢަތާ ގުޅިފައިވާ އެތައްބައެއްގެ މިންނެތް މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މިރޭ ބޭއްވި މި ޙަފްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި އެފަރާތްތަކާއި އެއްތަނަކުން ބައްދަލު ގުޅުންބަދަހިކުރުމުގެ ގޮތުން ބޭއްވި ޙަފްލާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން