ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، އެ ސިނާއަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް ސާލިހުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދިން ބާނީން ތައުރީފްކުރައްވައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކޮށް، ފަތުުރުވެރިކަމުގެ ސިނާޢަތް މިހާ ހިސާބަށް ގެނެސްދެއްވުމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި 3 ބޭފުޅުންކަމަށްވާ އެމް ޔޫ މަނިކު، ޗަންޕާ ހުސައިން އަފީފު އަދި އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޓީގެ ޗެއަރޕާސަން މުހައްމަދު އުމަރު މަނިކު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރީގެ ސަރުކާރުތަކުންވެސް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރިކަމަަށާއި، ނަމަވެސް މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގުވަޒަން ކުރި މިންވަރަށް މިހާތަނަށް އެއްވެސް ސަރުކާރަކުން އެސިނާއަތުގެ އަގުވަޒަންކޮށްފައި ނުވާކަމަށެވެ.

"މީގެ ކުރީގަ "ފާޑަކަށް" ދާނީ މިކަހަލަ ކަންތައްތައް. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ މިއީ އަޅުގަނޑުމެން ފަޙުރުވެރި ވާންޖެހޭ އިންޑަސްޓްރީއެއްކަން. ސަރުކާރުންވެސް ބަލައިގެންފިކަން. އަޅުގަނޑުމެން ހުރިހާ އެންމެވެސް ޖެހޭނެ މިކަން ޤަބޫލުކުރަން." އަފީފް ވިދާޅުވިއެވެ.

މަޓީގެ ވައިސް ޗެއަރޕާސަން ޗަންޕާ ހުސައިން އަފީފް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް މިހާހިސާބަށް ގެނެސްފައި މިއޮތީ ސަރުކާރުތަކުން ދިން އެއްބާރުލުމާއެކުކަމަށެވެ. އަދި އެންމެން މަސައްކަތްކޮށްގެން ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އަފީފް އެދިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއްކަމަށްވާ އަހުމަދު ނަސީމް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ފަތުރުވެރިކަމާއި ގުޅޭ ހުރިހާ ކަމެއްގައިވެސް މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި މިއީ އިންޑަސްޓްރީ ކުރިއެރުވުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށް ނަސީމް ވިދާޅުވިއެވެ.

"ރައީސް ސާލިހުގެ ސަރުކާރުން މިކަމުގައި އަބަދުވެސް މަޝްވަރާކުރައްވާ. ކަމެއް ކުރަން ޖެހިއްޖެނަމަ މަޝްވަރާގެ އަލީގައި ނޫނިއްޔާ ގޮތެއް ނުނިންމަވާ. އެއީ އަޅުގަނޑުމެންނަށް ބޭނުންވާ ކަހަލަ ސަރުކާރަކީ." ނަސީމް ވިދާޅުވިއެވެ.

ފަތުުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ކްރޮސް ރޯޑުގައި ބޭއްވި ރަސްމިއްޔާތު ޝަފްވެރިކޮށްދެއްވީ ރައީސުލްޖުމުހޫއްރީއްޔާ އިބްރާޙިމް މުހައްމަދު ސާލިޙެވެ. މި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިސިނާޢަތާއި ގުޅުންހުރި ސަރުކާރާއި އަމިއްލަ އެކިފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން