މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގުގައި ހުރި ދުވަސްވީ ބޮޑެތި ގަސްތައް ކަނޑާތީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް އެ މައްސަލަ ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ "ޝުނާނާ އެންޑް ކޯ އެލްއެލްޕީ" އިންނެވެ.

ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ތާރު އެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ވަނީ ލަފާދީފައި ކަމަށާއި، ގާ އަޅައިގެން އެ މަސައްކަތް ކުރާ ނަމަ، ގަސް ނުނަގައި އެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

އަދި އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފުރިހަމައެއް ނޫން ކަމަށާއި، ނަމަވެސް، ގަސް ނެގުމުން މޫސުމަށް ނޭދެވޭ އަސަރު ކުރާނެ ކަމާއި އެއްވެސް ގޮތެއް ނެތިގެން ނޫން ގޮތަކަށް އެކަން ނުކުރަން އީއައިއޭގައި ލަފާދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަމީނީމަގުގައި ހުރި ދުވަސްވީ ގަސްތަކުގެ ސަބަބުން ލިބޭ ފައިދާތައް އީއައިއޭ ރިޕޯޓުގައި ހިމަނާފައިނުވާ ކަމަށް ބުނެ، އެ ގަސްތައް ނެގުމުން ތިމާވެއްޓަށް ލިބޭނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވެސް ދައުވާ ފޯމުގައި ވަނީ ހިމަނާފައެވެ.

އަދި ރާއްޖޭގެ ގާނޫނުތަކާއި އެކި ގަވާއިދުތަކުގެ އިތުރުން ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ހިލާފުވާ އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެހެންކަމުން، ގަސްތައް އުފުރުން ވަގުތުން ހުއްޓުވުމުގެ އިތުރަށް، ގަސް ނަގައިގެން ނޫން ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ކަށަވަރު ކުރަން، ލައިސެންސް ލިބިފައިވާ ފަންނީ މާހިރުން މެދުވެރިކޮށް ދިރާސާތައް ކޮށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެ ނޫން ގޮތެއް ނެތިގެން މެނުވީ އަމީނީމަގުގައި ހުރި އެއްވެސް ގަހެއް އުފުރައިގެން ނުވާނެ ކަމަށް އަމުރުކޮށްދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް