ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހަރަކާތް މިއަދު ރާއްޖޭގެ 12 ރިސޯޓެއްގައި ކުރިއަށް ގެންދިޔައެވެ.

އޭގެ ތެރެއިން މީގެ ބޮޑު ހަރަކާތުގެ ގޮތުގައި "ނޭވާ 2"ގެ ނަމުގައި ކްރޮސް ރޯޑްސްގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވާއިރު "ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރި "ނޭވާ 2" ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ހަރަކާތެކެވެ.

މި ހަރަކާތުގައި ޖުމުލަ 459 މީހުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ މީހުން ވެސް ހިމެނެއެވެ. ނަމަވެސް، ރިކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނިޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 455 މީހަކަށެވެ.

މިފަދަ ރެކޯޑެއް 2019 ވަނަ އަހަރު ވެސް ވަނީ ރާއްޖޭގައި ގާއިމު ކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަސް ކަމަށް ކަނޑައަޅައި، ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ގައުމީ ފަތުރުވެރިކަމުގެ ދުވަސް" ފާހަގަކުރުމަށް މި ހަފްތާގެ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން