އިންޑިއާއިން ރާއްޖެއަށް އިތުރު 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ހަމަޖައްސައި، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑްއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.



މި 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަކީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު އެހީއެކެވެ. މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިހާރުވެސް އިންޑިޔާގެ ލައިން އޮފް ކްރިޑިޓްގެ ދަށުން ގިނަ މަޝްރޫތަކެއް ރާއްޖޭގައި އަންނަނީ ހިންގަމުން ނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ގަނެފައިވާ އުޅަނދެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ވަނީ ޙަވާލުކޮށްފައެވެ.

މި އުޅަނދު ކަރެކްޝަނަލް ސަރވިސްއާއި ޙަވާލުކުރުމުގެ ރަމްޒީ ޓޯކަން އިންޑިއާ ސަރުކާރުގެ ފަރާތުން ޙަވާލުކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. އަދި ކަރެކްޝަންގެ ފަރާތުން ޓޯކަންއާއި ޙަވާލުވެވަޑައިގަތީ، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން މިއަދު ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފާއެކު ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައްވެސް ބާއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ފޮރިން ސެކްރެޓަރީވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.



އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން