ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސްއޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާ ބަޙްރައިނާއި ދެ ޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައިކަމަށެވެ. އަދި ރާއްޖޭގެ އިޤުތިޞާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޓަރނެޓު އަގުހެޔޮ ކުރުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ބަޓެލްކޯ އާއިއެކު ވެވުނު ސައިބަރ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ޚިދުމަތްތައްދޭ ޤައުމީ އަދި ބައިނަލްއަޤުވާމީ ފަރާތްތަކާއިއެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް ޢަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ އިޤުތިޞާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަަމަށެވެ.

މިބައްދަލު ކުރެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ބަޙްރައިންގެ ފޮރިން މިނިސްޓަރ ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާޞަލާތީ ކުންފުނި، ދިރާގާއި، ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބަރ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން