ވަށާޖެހޭ ނަފްޞާނީ ޞިއްޙަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރ ރަސްމީގޮތުން ހުޅުވައިދެއްވައި ދައްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުންބުނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއްކަމުގައި ނުބެލުމަށް އެސެންޓަރުގެ އެންމެހާ މުވައްޒަފުންގެ ކިބައިން އެދިލެއްވި ކަމަށެވެ. އެގޮތުން، މުޅި ހޮސްޕިޓަލް ޝާމިލްވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފްސާނީ ޞިއްޙަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ވަކިން ޚާއްޞަކޮށް ހޮސްޕިޓަލަކީ އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅާލާ ނަމޫނާ ދައްކުވައިދޭ ތަނަކަށް ހެދުމަށް ހުރިހާ މުވައްޒަފުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މި ފަހުން އެކަމަނާ ބަޙްރައިންއަށް ކުރެއްވި ދަތުރުފުޅުގައި ބަޙްރައިންގެ ކިންގް ޙަމަދް ޔުނިވަރސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތަޖުރިބާ ޙިއްޞާކުރެއްވިއެވެ. އެގޮތުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުގައިވެސް ތަފާތު އެކި ޑިޕާޓްމަންޓްތައް ގުޅިގެން ޝާމިލުކަމާއެކު ނަފްސާނީ ޞިއްޙަތުގެ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ހުޅުމާލޭ ހޮސްޕިޓަލް ވެސް ނަމޫނާ ނެގޭނެކަމުގައި ވިދާޅުވެފައެވެ.

ހުޅުމާލޭގައި ހުޅުވުނު މެންޓަލް ހެލްތު ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ޞިއްޙަތަށް ޚާއްސަ އިސްކަމެއް ދެއްވައި ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ހުޅުވުނު ތަނެކެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިންގ ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާއެކު އޮންލައިންކޮށް މަޝަވަރާކުރުމާއެކީ، ތެރެޕީ ސެޝަންތައް ކުރިޔަށްގެންދިއުމުގެ ޚިދުމަތްވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ސެންޓަރު ހުޅުވުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މި ރަސްމިއްޔާތުގައި ކެޑަބަމްސް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ހަދިޔާކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ " މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން