ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް އެ ތަނުގައި އާ ރަންވޭއެއް އެޅުމުގެ މަސައްކަތްކުރީ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށް އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީން ބުނެފިއެވެ.

އެމްޓީޑީން މިހެން ބުނެފައި މިވަނީ، އެއަރޕޯޓުގައި އަލަށް ތަރައްގީކުރި ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތު މި ސަރުކާރުން ބޭއްވުމާއި ގުޅިގެން، އެކި ފަރާތްތަކުން ސަރުކާރަށް އަމާޒުކުރި ފާޑުކިޔުންތަކާއި ގުޅިގެން އެ މަސައްކަތުގެ މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔުމާއި ގުޅިގެން އެކަމަށް ރައްދުދީ ނެރުނު ބަޔާނެއްގައެވެ.



އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި، އާ ރަންވޭއާ ގުޅުވައިގެން ޔާމީނާއި ކަމުގެ މައުލޫމާތު ނޭނގޭ އެހެން މީހުން، ދިވެހި ތާރީހަށް ހިޔާނާތްތެރިވެ، މާޒީގެ މަސައްކަތްތަކުގެ ހަގީގަތް އޮޅުވައިލުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

އެކަމުގެ ހަގީގަތް ބަޔާން ކުރަމުން އެ ބަޔާނުގައި ބުނީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން ވީއައިއޭ، 2012 ވަނަ އަހަރު އަނބުރާ ހޯދި ދުވަސްވަރު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކަމަށާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު އެއާޕޯޓް ތަރައްގީކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓާ ޕްލޭނުގެ ދަށުން ދެ ވަނަ ރަންވޭ އެޅުމަށް ނިންމީ އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.

“2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ސްކޮޓްވިލްސަން މާސްޓަރޕްލޭނަށް އިންފްރާޓާ ގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއަށް އައުމަށް ދަޢުވަތު ދެވުނެވެ. އަދި މި ދަޢުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއައިސް އެމްއޭސީއެލް އާއި އެކީގައި މަސައްކަތްކޮށް މާސްޓަރޕްލޭން ވަނީ ފުރިހަމަކުރެވިފައެވެ.” ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނީ، ޗައިނާގެ ބީޔޫސީޖީއަށް ދައުވަތު ދީގެން ރާއްޖެ ގެނައުމާއި، އެއަރޕޯޓްގެ ދެވަނަ ރަންވޭއާއި، ފިއުލްފާރމާއި، އެއަރކާގޯ ޓާރމިނަލް އާއި ސީޕްލޭން ޓާރމިނަލްވެސް ފަހުން އެފަރާތާ ހަވާލުކޮށް ޗައިނާގެ އެގްޒިމްބޭންކުން ފެސިލިޓީ ހޯދައި، ދިވެހި ގައުމުގެ މުސްތަގުބަލުގެ ހައްގުގައި މަސައްކަތް ކުރެއްވި ގައުމީ ބަތަލަކީ އަދި އާރުކާޓީއަކީ އަދީބު ކަމަށެވެ. އަދި އެދުވަސްވަރު ރައީސް ޔާމީން ގިނައިން އުޅުއްވީ ސިންގަޕޫރުގައި އެސްޓީޑީ އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި، އެކި ކުޅިވަރު ކުޅުއްވުމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، ކަމެއް ގޯސްކޮށް ދިޔުމަކީ ހުރިހާ ގޯހެއް އެމީހާ ބޮލަށް ފައްތައި، އެމީހަކު ކުރި ގައުމީ ހިދުމަތްތައް ތާރީހުން ފޮހެލެވޭނެ ކަމެއްނޫން ކަމަށާއި އަދި އަދީބުގެ ގައުމީ ހިދުމަތް ފަނޑުކޮށް، ފުހެލުމަށް ރައީސް ޔާމީން ކިތައްމެ މަސައްކަތެއް ކުރެއްވިނަމަވެސް އަދީބުގެ ގައުމީ ހިދުމަތްތަކަކީ ދިވެހި އުނޑުދަށުން ފިލާދާނެ ޚިދުމަތްތަކެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އެމްޓީޑީއާއި އެމްޓީޑީގެ ރައީސް އަދީބުގެ އުންމީދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް ހުޅުވާ ދިވެހި ރާއްޖެއަކީ މިސަރަހައްދުގެ އޭވިއޭޝަން ހަބަކަށް ވާތަން ދުށުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު