މިދިޔަމަހު ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަޒްހާން މުހައްމަދުގެ މަރުގެ މައްސަލައިގައި އޭނާ މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކުރީ އަޒްހާންގެ މަރައި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުން ބުނީ މިދިޔަމަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިމަހުގެ 2 ވަނަ ދުވަހު ފެނުމުން ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވާކަމަށެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމްެގެ ނަތީޖާ ދައްކާ ގޮތުން އަޒްހާންގެ ހަށިގަނޑަށް އަނިޔާތަކެއް ދީފައިވާކަން ހާމަނުވާކަމަށެވެ. އަދި އޭނާ މަރާލާފައިވާކަމަށް ބެލެވޭ ހެއްކެއްވެސް މިހާތަނަށް ފެންނަން ނެތްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަޒްހާންގެ މަރައި ގުޅިގެން އެއްވެސް މީހަކަށް ތުހުމަތެއް މިހާތަނަށް ނެތްކަމަށެވެ.

އަޒްހާން ގެއްލިގެން އޭނާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމަސައްކަތުގެ ތެރެއިން މިމަހުގެ 2 ވަނަ ދުވަހުގެ ހަވީރު ފުލުހުންނަށް އަޒްހާންގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދުގެ ގަސްތަކެއްގެ ތެރެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު