އިހުތިޖާޖު ކުރުމާއި ކޯޓަށް ދިއުމަކީ ވެސް ރައްޔިތުންގެ ހައްގެއް ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ބޭނުންކުރާނެ ހައްގެއް ނިންމާނީ ރައްޔިތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ވ. ހުލިދޫގެ މައްސަލާގައި ކުރި އިހުތިޖާޖާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ޖަވާބު ދެއްވަމުން ޢަލީ ޙުސައިން މިއަދު ވިދާޅުވީ، ‏ސަރުކާރުން ނުވަތަ ދައުލަތުން ކުރާ ކަންކަމާ ހިތްހަމަނުޖެހޭނަމަ އިހުތިޖާޖު ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.

އަދި ހަމަ އެގޮތަށް ކޯޓުތަކަށް މައްސަލަ ހުށައެޅުމަކީވެސް ރައްޔިތުންނަށް އޮތް ހައްގެއް ކަމަށާއި، ރައްޔިތުން ބޭނުންކުރާނެ ހައްގެއް އިހުތިޔާރު ކުރާނީވެސް ހަމަ ރައްޔިތުން ކަމަށް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދަނީ، އެ އިހުތިޖާޖަކީ ގަދަކަމުން އިހުތިސާސް ހޯދަން އުޅުން ކަމަށް ސިފަ ކޮށްފައެވެ. އަދި އިހުތިޖާޖު ކުރުމުގެ ބަދަލުގައި ކޯޓަށް ދިއުމަށް ވެސް އެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ވ.އަތޮޅު ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް މަންފާ ކުރާނެ ގޮތަށް ބޭނުންކުރުމަށް ގޮވާލާ ކުރަމުންދިޔަ އިހުތިޖާޖު މިހާރުވަނީ ހުއްޓާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އިހުތިޖާޖު ހުއްޓާލީ އެ މައްސަލާގައި ސަރުކާރާއެކު މަޝްވަރާ ކުރުމަށެވެ.

ބުރާސްފަތި ދުވަހު ފެށި އިހުތިޖާޖުގައި ވ. އަތޮޅު ކައުންސިލްގެ ވެރިންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްގެ ވެރިން ވަނީ ހުޅިދޫއަށް ގޮސް، އެރަށް އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު