ސްޓެލްކޯއިން ދޭ ހިދުމަތްތައް ދިނުމުގައި ވަކި ޕާޓީއަކަށްވީތީ އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ސްޓެލްކޯއިން ކ އަދި ވ އަތޮޅުގެ ރަށު ކައުންސިލްތަކާއެކު ފަހުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ ސްޓެލްކޯއިން ހިދުމަތް ދިނުމުގައި، އަދި އަސާސީ ހިދުމަތް ދިނުމުގައި އެއްވެސް ވަަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނެކަމަށެވެ.

"ވަކި ބަޔަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ހިދުމަތް ވަކި ފެންވަރަކަށް ދީފައި، އެ އުސޫލެއް އަޅުގަނޑުމެން ނުގެންގުޅޭނަން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ސްޓެލްކޯއިން މާލޭގައި ހުންނަ ޕްލާންޓަކަށް ލޮނު ގެނެސް ކޫލިންގ ސިސްޓަމަށް ފިނިކުރާ ހޮޅިއެއް ފަޅައިގެން ދިއުމުން ސިޓީ ކައުންސިލުން ކަންކަންކުރި ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

"އަމާޒެއް ނެތް ސިޓީ ކައުންސިލަށް އަމާޒުކޮށް ތަޅާފޮޅާކަށެއް. ހުރިހާ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭނީ އެއްވަރަކަށް، ތަފާތު ކުރުމެއް ނޯންނާނެ. އެ މައްސަލައިގައި ސިޔާސީ ގޮތުން ތަޅާފޮޅާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެން ބޭނުންވަނީ ހިދުމަތް ދޭން ރައްޔިތުންނަށް. ސްޓެލްކޯއިން އެންމެނަށް ހިދުމަތްދޭނީ ހަމަހަމަކޮށް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފެން ހޮޅި ލީކުވި މައްސަލައިގައި ވަކި ބަޔަކު ބަދުނާމު ކުރާކަށް ބޭނުންނުވާކަމަށެވެ. އަދި އެމަސައްކަތް ސްޓެލްކޯއިން ކުރިއަށްގެންދާކަމަށާއި، މިހާރު ވަނީ ލީކުވުން ހުއްޓުވިފައިކަމަށެވެ. އަދި މާދަމާ އެއްކޮށް މަސައްކަތް ނިންމާލެވޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން