ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތަށް ފައިސާ ނުދައްކާނަމަ ރައްޔިތުންނަށް ދޭ ކަރަންޓުގެ ހިދުމަތްތަކަށް ބުރޫ އަރާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމުން ކަރަންޓް ބިލު ނުދައްކާ މައްސަލައަށް އަލި އަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ ކަރަންޓް ކަނޑާލަނީ އިހުލާސްތެރި ނިޔަތެއް ނެތިގެނެއް ނޫންކަމަށެވެ.

ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިންވެސްޓްކުރަނީ ކަރަންޓުން ނަގާ ފީ އިންކަމަށެވެ. އަދި ބިލު ނުދައްކާނަމަ ހިދުމަތްތަކަށް ބުރޫ އަރާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ތަރުތީބުކުރަނީ އެކަމަށް ބަލައިގެން. ކަރަންޓް ފީ ނުދައްކަންޏާއި ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫ އަރާ. ހައްލުކޮށްދެއްވާނީ ތި ބޭފުޅުން ކަރަންޓް ބިލު ދައްކަވައިގެން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަރަންޓް ބިލު ނުދައްކަންޏާ އެ ހުރިހާ ފައިސާއެއް ހޯދޭނެ އިތުރު ގޮތެއް ނޯންނާނެކަމަށާއި ދައުލަތުންވެސް އެ ހުރިހާ ފައިސާއެއް ނުދެވޭނެކަމަށެވެ.

"ރައްޔިތުން ދޭ ލާރިން ރައްޔިތުންނަށް ހިދުމަތް ކުރުމަށް މި އިންވެސްޓްކުރަނީ. އެފްއޭއެމުން 6.5 މިލިއަން ރުފިޔާ ދައްކަން އޮތީމަ އަޅުގަނޑުމެން ކަރަންޓް ކަނޑާލީ އިހުލާސްތެރި ނިޔަތެއް ނެތިގެނޭ ނުބުނެވޭނެ. 6.5 މިލިއަން ރުފިޔާ އަރަންދެން ކޮން ނިޔަތެއް އޮވެގެންތޯ ތިބީ ބިލު ނުދައްކާ. އަވަހަށް ފައިސާ ދައްކަވާ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެފްއޭއެމުން ބަޔާންތައް ނެރުމުގެ ބަދަލުގައި ދައްކަންޖެހޭ ފައިސާއެއް ދައްކާ ހަލާސްކުރުމުން ކަރަންޓް ދޭނެކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްވެސް ވަނީ ދީފައެވެ. ނަމަވެސް އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައެވެ.

ސްޓެލްކޯއިން އިއްޔެ ބުނީ މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުންދާކަމަށެވެ.

އެފްއޭއެމުން ފައިސާ ދެއްކުމުގެ ބަދަލުގައި އަދިވެސް މަސައްކަތް ކުރަނީ ބަޔާންނެރެ ބަހަނާ ދައްކައި ސްޓެލްކޯ ބަދުނާމުކޮށް ގޯސް ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން