ހަނިމާދޫއަށް އިންޑިޔާ ސިފައިން ގެނައީ ކުރީގެ ރައީސް، އަބުދު ﷲ ޔާމިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މިއަދު މަޖިލީހަށް ހުށައެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ހަނިމާދޫއަށް އިންޑިޔާ ސިފައިން ގެނައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ކަމަށާއި އެކަން ކުރެއްވީ ކުރީގެ ރައީސް އަބުދު ﷲ ޔާމިން ކަމަށެވެ. އެގޮތުން ރާއްޖެއާއި އިންޑިޔާ އާއި ދެމެދު ކުރި ޑިފެންސް ކޯޕަރޭޓިވް އެގްރިމެންޓްގައި ސޮއިކުރީ ރައީސް ޔާމިންގެ ވެރިކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ރާއްޖެއަށް ޑޯނިޔާ ފުލައިޓެއް ޓެކްނިކަލް ސަޕޯޓާއެއްކޮށް ބާއްވަން އެގްރިމެންޓްގައި ސޮއިކުރީ، އެހެންވީމަ ސުވާލަަކީ މިއަދު ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިންނަކީ އިބްރާހިމް މުހައްމަދު ސޯލިހް ގެނައި ސިފައިންތޯ، ނޫން އެއީ ޔާމިން ގެނެސްފައި ތިބި ސިފައިން އެއީ ހަގީގަތަކީ،" ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މި ސަރުކާރުން ސޮއިކުރި އެގްރިމެންޓެއްގެ ދަށުން ރާއްޖެއަށް އައިސް ތިބި ބޭރުގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި އައްޑޫ އާއި ފުވައްމުލަކުގައި ވެސް ބަޔަކު ތިބިނަމަ އެއީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ރައީސް ސޯލިހަކީ ގާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރަށްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ޣަފޫރު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ސަރަހައްދަކަށް ހަދައިގެން ވާހަކަ ނުދެއްކޭނެ ކަމަށެވެ. ރާއްޖޭގެ ބިމުން އަކަ އިންޗިއެއް ވެސް ދޫކޮށްލަން މި ސަރުކާރުން އެއްބަސްނުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ބަޔަކާއި ވާހަކަ ދެއްކުން އެއީކީ ރާއްޖޭގެ ބައެއް ވިއްކާލުމެއް ނޫން، ރާއްޖޭގެ ބައެއް ދޫކޮށްލުމެއް ވެސް ނޫން، ހަގީގަތަކީ މިއަދާ ހިސާބަށް އައިއިރުގައި ވެސް ރާއްޖޭގެ ސަރަހައްދު އޮތީ ކަނޑަނޭޅި." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިހެން ވިދާޅުވި ނަމަވެސް މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކޮމިޓީގައި މަސައްކަތް ކުރެއްވި ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވީ ރާއްޖޭގެ އިން ކަނޑައަޅައި ވަކިކޮށް ގާނޫނު އަސާސީގައި ސާފުކޮށް ލިއެފައި އޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން