ހުޅުމާލެ ލިންކް ރޯޑްގައި ގާއިމްކުރާ އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ ހުޅުމާލެ ލިންކް ރޯޑްގައި ގާއިމްކުރާ 5 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމު ގާއިމްކުރާނީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫޢޫގެ ދަށުންކަމަށެވެ.

މި މަޝްރޫއެގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްތަކުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެންސިސް ކުންފުންޏާއި އެކު ސޮއިކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައެވެ.

5 މެގަވޮޓް ސޯލަރ ޕީވީގެ ތެރޭގައި ހިމެނޭ ހުޅުމާލޭ 1000 ޔުނިޓްގެ ތެރެއިން ކަނޑައަޅާފައިވާ ފްލެޓްތަކުގެ ފުރާޅުގައި މިހާރުވަނީ ސޯލަރ ޕެނަލް ހަރުކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ބިލްޑިންގް އެތެރޭގެ އިލެކްޓްރިކަލް މަސައްކަތްތަކެއްކަމަށް މިނިސްްޓްރީން ބުނެއެވެ.

5 މެގަވޮޓް ސޯލަރ ޕީވީގެ ބޮޑު ބައެއް ހިމެނެނީ ހުޅުލެ – ހުޅުމާލެ ލިންކް ރޯޑްގައެވެ. މި ވަގުތު ކުރިއަށްދާ މަސައްކަތްތަކަކީ ސޯލަރ ޕެނަލް ހަރުކުރުމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ ހެދުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ތެރެއިން ހުޅުމާޅޭ ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ހުރި ޕެނަލްތަކުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ގުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު ފަހުކޮޅުއެވެ. މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑްގައި ކުރާ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅައި ޕެނަލްތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައިކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢަކީ ޕްރައިވެޓް އިންވެސްޓްމަންޓް އުސޫލުން ވޯލްޑް ބޭންކްގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫޢެކެވެ. އެހެންކަމުން މަޝްރޫޢުގެ މަސައްކަތަށް ފައިނޭސްކުރާނީ މި މަޝްރޫޢުގެ ބިޑް ކާމިޔާބުކުރި ތައިލޭންޑްގެ އެންސިސް ކުންފުނިންކަމަށާއި އަދި ކޮންޓެރެކްޓްގެ މުއްދަތުގައި މެއިންޓަނަނސްގެ މަސައްކަތްވެސް ކުރާނީ އެންސިސް ކުންފުނިންކަމަށް ސަރުކާރުން ބުނެއެވެ.

އެސްޕަޔަރގެ 2 ވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރެވޭ 5 މެގަވޮޓް ސޯލަރ ޕީވީ ނިޒާމުން އެކަނިވެސް ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވޭކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މި ފިޔަވަހީގެ 5 މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާއާއި ދެމެދުގެ އަދަދެއް އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމް ހުޅުލެ އަދި ހުޅުމާލޭ ގުޅުވައިދޭ ލިންކް ރޯޑްގައި ޤާއިމްކުރާ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. އެންސިސް ކުންފުންޏާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސޯލަރ ޕީވީގެ ނިޒާމް ޤާއިމްކޮށްފައިވާ ސްޓަރކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކަޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ޤާއިމުކުރާ ކުންފުނީގެ ޒިންމާއެއްކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު