ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ޖެހޭގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ފާސް ނުކުރަން އެ ބިލު ދިރާސާކުރާ، ލާމަރުކަޒީ ކޮމެޓީން ނިންމުމުން އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ ބިލުގައި ވަނީ އެ އިންތިހާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައިއިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބާއްވަން ޖެހޭ ބައިއިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.

ބައިއިލެކްޝަންތަކަށް ކުރަންޖެހޭ ބޮޑު ހަރަދު ކުޑަކުރުމުގެ މަގުސަދުގައި ސަރުކާރުން ހުށަހެޅި މި ބިލު ކޮމެޓީން ފާސްނުކުރަން ނިންމުމުން ޝަރީފް ވަނީ، އެ ބިލު ފާސް ނުކުރާންވީ ސަބަބަކީ ކޮބައިތޯއާއި ދަރާ ވިކިގެންވެސް ދެމަހުން އެއްމަހު ބައިއިލެކްޝަންތައް ބާއްވަން ޖެހޭތޯ ސުވާލު ކުރައްވާފައެވެ. އަދި ބާރެއްނެތި ހިނގާ ކައުންސިލަރުންގެ މުސާރަދީ އިންތިހާބުތައް ބާއްވަބާއްވާ ތިބޭނީތޯއޭ ވެސް ޝަރީފް ވިދާޅުވެފައި ވެއެވެ.

"ފާސް ނުކުރަން ނިންމީ ކީއްވެގެންތޯ؟ ދަރާވިކިގެން ދެމަހުން އެއްމަހު ބައި އިލެކްޝަން ބާއްވަންޖެހޭތޯ؟ ކަމެއް ނެތި ބާރެއްނެތި ހިންގާ ކައުންސިލަރުންގެ މުސާރަދީ އިލެކްޝަން ބާއްވަ ބާއްވައި ތިބޭނީތޯ؟ ރައްޔިތުންގެ ވަކީލުން ތިޔަ ކުރާ ކަމަކީ ޓެކުސް ފައިސާ ބޭކާރުކުރުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިހާރުވެސް ބައިއިލެކްޝަންތަކަށް ކަނޑައެޅި ބަޖެޓު ހުސްވެފައިވާކަމަށެވެ. އަދި މި އިސްލާހު ގާނޫނަށް ގެނައުމަށް އެ ކޮމިޝަނުންވެސް ވަނީ އެދިފައެވެ.

ބިލު ފާސްކުރަން ނުފެންނަކަމަށް ކޮމެޓީން ނިންމީ، ބައިއިލެކްޝަން ބޭއްވުމާ ގުޅޭގޮތުން ބިލުގައި ހިމެނޭ މާއްދާތައް އުނިކުރުމަށް ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާތީ، ބިލުގެ މަގުސަދު ގެއްލިފައިވާ ކަމަށްބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު