އަންނަ އަހަރަށް ލަފާކޮށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ 2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42680269914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާކަމަށެވެ.

މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާކަމަށާއި ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ. ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެ. އަދި ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް. އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.4 ބިލިއަން ރުފިޔާ" އަމީރު ވިދާޅުވިއެވެ.

ބަޖެޓްގައި ހުރި މުހިއްމު ބައިތަކަށް އަލިއަޅުއްވާލައްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށާއި މީހުން ގުޅިފައި އޮތުމަކީ ތަސައްވުރުކުރާ ޖަޒީރާ ތަރައްޤީގެ މުހިއްމު އުންސުރެއްކަމަށެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކުން ހަޤީޤަތަކަށް ހަދައިދެނީ މި ތަސައްވުރުކަމަށާއި އާރު.ޓީ.އެލްގެ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ވަނީ ގެނެވިފައިކަަމަށެވެ.

"ބޮޑު ތިލަދުންމަތި އެވަނީ އެފަސޭހައިގެ ތެރޭގައި. ފަސޭހަކަމާއެކު، ބާރަށް ދުވާ ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅުން ކޮންމެހެން މުހިންމު.ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލް.ގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނާ، ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލެވޭނެ." އަމީރު ވިދާޅުވިއެވެ.

 

މިނިސްޓަރ ވިދާޅުވީ އިޤުތިސާދީ ހަރަކާތްތައް އިތުރުކޮށް ހުއްޓުމެއްނެތި ހިންގުން މުހިންމުކަމަށެވެ. އަދި ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓާއި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތްތައް ވަނީ ފެށިފައިކަމަށާއި މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއްކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނަ އަހަރު ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެއްކަމަށާއި އިމްޕޯޓް މުދާ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި މުދަލުގެ އަގުތަކަށް އަންނަ ބަދަލު ކުޑަކުރުން މުހިންމުކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓްކަމަށެވެ. މިބަޖެޓާ ހަމައަށް އާދެވުނީ އިޤްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހުކަމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުން އަދިވެސް ބޮޑުކަމަށެވެ.

އަމީރު ވިދާޅުވީ މުޅި ދުނިޔޭގެ އިޤްތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު ވަނީ އުފަންވެފައިކަމަށެވެ. އަދި ރަޝިޔާ-ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިއްޖެކަމަށާއި ޤައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން