2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މައްސަލަތަކަށް އެކަށީގެންވާ ޙައްލުހޯދޭނެ ދެލިކޮޕީއެއްކަމަށާއި ރައްޔިތުންގެ ފުދުންތެރިކަމާ، އިޖްތިމާޢީ ދުޅަހެޔޮކަމާ، ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެއްކަމަށެވެ.

"ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން އަޅުގަނޑު ގަބޫލު ކުރަން. އެއީ އިޤްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް. ދައުލަތުގެ ދަރަނި ބޮޑުވެ، އިޤްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ. ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ. އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އިވޭ އަޑުތަކާ، އޮތް ޙާލަތާ، ކުރާންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފުކަމަށާއި އެގޮތުން އެންމެ އިސްކަމެއް މިދެނީ، މި ގޮންޖެހުންތައް ގިރާކޮށް، ރާއްޖޭގެ އިޤްތިސާދީ ހަމަޖެހުމާއި ކުރިއެރުން ދެމެހެއްޓެނިވި މަގުގައި ހިފެހެއްޓުމަށްކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު އިންގިލާބުކޮށް، ބަދަލުކުރާނެ ކަންކަން ކުރިއަށް ނެރުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަމަށެވެ.



"ކުރިއަށް އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރުގެ ފަހު އަހަރު. 2023 އާ ހަމައަށް މި ދަނީ ރާއްޖޭގެ އިޤްތިސާދަށް ދިމާވި ބޮޑެތި ގޮންޖެހުންތައް ގިރާ ކުރަމުން. ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދެމުން" އަމީރު ވިދާޅުވިއެވެ.



އަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުންކަމަށާއި. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިސާދަށް ބަނަކަން ކުރިމަތިވެފައިވީއިރު، ރާއްޖޭގެ އިޤްތިސާދީ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެކަމަށް ރިޢާޔަތްކޮށްގެންކަމަށެވެ. އަދި ،ކުރިއަށްދާނީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ދަމަހައްޓައި، އިޤްތިސާދުގައި ދިރުން ދެމެހެއްޓުމުގެ މައްޗަށް ވިސްނައިގެންކަމަށްވެސް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން