2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޮވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވީ އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށެވެ. އަދި މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާކަމަށެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.



"ފިސްކަލް ކޮންސޮލިޑޭޝަންގެ ފިޔަވަޅުތަކާއެކު، އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 8.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 8.1 އިންސައްތަ (.) ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާ. މިއީ ފިސްކަލް ސްޓްރެޓެޖީގެ ޓާގެޓާ އެއްގޮތަށް ޖީ.ޑީ.ޕީގެ ނިސްބަތުން 4.8 އިންސައްތަ" އަމީރު ވިދާޅުވިއެވެ.



2023 ވަނަ އަހަރުގެ ޑެފިސިޓާއި ދަރަނި އަދާކުރުމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފަރ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުންކަމަށާއި މީގެ ތެރޭގައި މަޝްރޫޢުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.1 ބިލިއަން ރުފިޔާ ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



"ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރު. މީގެ އިތުރުން އެތެރޭގެ ފަރާތްތަކުން 5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވޭ. މީގެ ތެރެއިން 7.4 ބިލިއަން ރުފިޔާއަކީ ޓްރެޜަރީ ބިލު އިތުރަށް ވިއްކުމަށް ރޭވިފައިވާ ފައިސާ" އަމީރު ވިދާޅުވިއެވެ.



ފިނޭންސް މިނިސްޓަރ ވިދާޅުވީ ބަޖެޓުގެ ޕްލޭނަކީ މެދުރާސްތާގައި ދަރަނި މެނޭޖްކޮށް ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ދަށްކުރުންކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމުގެ ސަބަބުންވެސް މެދުރާސްތާގައި ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުވާނެކަމަށާއި އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް 2021 ވަނަ އަހަރު ގެނައި ބަދަލާއެކު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މުއްސަނދިވެ، ދަރަނި އަދާކުރުމަށް ބޭނުންވާ ޤާބިލުކަން މާ ބޮޑަށްވެސް އުފެއްދޭނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ހުށަހެޅި ބަޖެޓަކީ ރާއްޖެއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ އިޤްތިސާދީ ގޮންޖެހުންތައް ގިރާކުރުމަށް، ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ހިމެނިފައިވާ ޕްލޭނެއްކަމަށެވެ. އަދި މިއީ ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ އަމާޒުތައް އެކުލެވިފައިވާ ބަޖެޓެއްކަމަށްވެސް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން