ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

މިއަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ތޫނުފިލި އުފެއްދުންތެރި ޢިލްމީ ޖީލެއް ބިނާކުރުމަކީ މިސަރުކާރުން ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓްކަމަށެވެ.



ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ދިގުރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ފަހިކޮށްދިނުންކަމަށެވެ. އަދި މިއަހަރުގެ މޭމަހުން ފެށިގެން ހިނގަމުންދާ ޕޭ ހާމަނައިޒޭޝަންގެ އިންގިލާބީ ހެޔޮ އަސަރު ތައުލީމީ ދާއިރާއަށް ދަނީ ކުރަމުންކަމަށާއި މިއީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޅުނު ބިންގަލެއްކަމަށް އަމީރު ވިދާޅުވިއެވެ.

"ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ އެއް އަސާސް. ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވެގެންދާނެ" އަމީރު ވިދާޅުވިއެވެ.



އަމީރު ވިދާޅުވީ ތައުލީމާއި މަތީ ތަޢުލީމުގެ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވާނީ މި ބަޖެޓުގައިކަމަށެވެ. އަދި 4.6 ބިލިއަން ރުފިޔާ އެ ދާއިރާއަށް ކަނޑައެޅިފައިވާނެކަމަށާއި މީގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް އަމީރު ވިދާޅުވިއެވެ.



"މިއީ ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް" އަމީރު ވިދާޅުވިއެވެ.



އަމީރު ވިދާޅުވީ ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއެއް 2023 ވަނަ އަހަރު ހިންގުމަށް ރާވާފައިވާކަމަށެވެ. މީގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތަކާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި މުޅިން އަލަށް ގާއިމްކުރެވޭ ސްކޫލްތައް ހިމެނޭކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ފޭސް 2 ގައި ގާއިމްކުރެވުނު ވަގުތީ ސްކޫލްތަކުގެ ބަދަލުގައި އަންނަ އަހަރު ދާއިމީ ސްކޫލްތައް ގާއިމްކުރެވިގެންދާނެކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ވަނީ ތަނަވަސްކޮށް ދެވިފައިކަމަށެވެ. އަދި ހިލޭ ޑީގްރީ ޕްރޮގްރާމަށް މި ބަޖެޓުގައިވެސް 166.7 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމު ހާސިލުކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ހުޅުވާލާފައިވާ ލޯނު ސްކީމް އަންނަ އަހަރުވެސް ކުރިއަށްދާނެއެވެ. އަދި އެކަމަށް 216.1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-13

ޙަގީގީ

01-Nov-2022

މަޝްރޫއު ހިންގާ ވާހަކަ ދައްކާ އިރު މަޝްރޫއުތައް ހިންގަނީ އަމިއްލަ ކުންފުނި ތަކުގެ ހަރަދުގައި ފައިސާއެއް ނުދޭ އަމިއްލަ ކުންފުނިތައް ބަނގުރޫޓް ވަމުންފަނީ



ޓްރެންޑިން