ފެނަކަ ކޯޕަރޭޝަންގެ ދަރަނީގެ ގޮތުގައި އޮތް އަދަދު ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ފެނަކައިގެ ދަރަނީގެ އަދަދަކީ ސިއްރު އަދަދެއް ނޫންކަމަށާއި އެއީ ހާމައަށް ލިޔެވިފައި އޮތް އަދަދުތަކެއް ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން އެ ކުންފުނީގެ ދަރަންޏާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ދަނީ އޮޅޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރު އައިއިރު ފެނަކައިގެ ދަރަނި 1.2 ބިލިއަނަށް އަރާ ކަމަށެވެ. ނަމަވެސް މި ދައުރުގައި ކުންފުނީގެ ދަރަންޏަށް އިތުރުވެފައިވަނީ 132 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ކުންފުނީގެ އުމްރާނީ ތަރައްގީ ކުރިއެރުވުމަށް މީގެ ކުރިން ނުކުރާހާގިނަ މަސައްކަތްތައް މިހާރު ކުރަމުން އެބަގެންދާ ކަމަށެވެ. އެގޮތުން 530 ކެޕިޓަލް އިންވެސްޓްމަންޓް ގެނެވިފައިވާ ކަމަށާއި މިހާރު ރަށްރަށުގައި ކުރިއަށްދާ އުމްރާނީ މަސައްކަތްތައް ނިމުމުން އެ ހަރަދުތައް އަލުން ކުރަން ނުޖެހުމުން، ދަރަނި ދެއްކުމަށް ފައިސާ ހޯދޭނެ މަގުތައް ފަހިވެގެން ދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވަނީ ފެނަކައިން 150 ރަށުގައި ޔޫޓިލިޓީގެ އެކި ހިދުމަތްތައް ދެމުންދާއިރު، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާކަން އުފަލާއެކު ފާހަގަ ކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަނަކީ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސަރުކާރުގައި، ކުރިން އޮތް ޔޫޓިލިޓީ ކުންފުނިތައް އުވާލުމަށްފަހު އުފެއްދެވި ކުންފުންޏެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސައީދު

01-Nov-2022

ސައީދޫ ކަލޭ ހިންގާ ޕްރޮޖެކްޓުގެ ސަބަބުން މިޤައުމުގެ ކިތައްކުންފުނި ބަނގްރޫޓް ވެއްޖެ އަދިވެސް ކަލޭ ބުނަމުން ތިދަނީ ދަރަނި ދެއްކޭނެ ކަމަށް ތިދަރަނި ދައްކަން ޖީއެސްޓީ ބޮޑް ކުރަން އެބަޖެހޭ 8-40% ޕަސަންޓަށް.



ޓްރެންޑިން