ގއ. މާމެންދޫ ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު އުމުރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އުދައްޔު މަރާލާފައިވަނީ ފެބްރުއަރީ 8، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީއެއްގަ އެވެ. އެ މައްސަލާގައި ހިމެނޭ 18 އަހަރު ނުފުރޭ ކުއްޖާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ޖުވައިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ‎ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާ ޝަރީއަތަށް ސާބިތުވާ ކަމަށާއި އެ ކުށުގެ އުގޫބާތެއްގެ ގޮތުން 18 އަހަރާއި ނުވަ މަހަަށް ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި ބަންދު ކުރުމަށާއި މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި އެއް މިލިއަން ދިވެހި ރުފިޔާ އުދައްޔުގެ ވާރިސުންނަށް ދިނުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް އަންގާ ކަމަށެވެ. އަދި މީހަކަށް ނުރައްކާތެރި ހާނިއްކަ އެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހަ އަހަރާއި އަށް މަސްދުވަހަށް ކުޑަކުދިން ބަންދު ކުރާ މަރުކަޒެއްގައި ބަންދު ކުރުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެެވެ. އެހުކުމާއެކު މުޅި ޖުމްލަ 25 އަހަރާއި ފަސް މަސް ދުވަހުގެ ޖަލުގެ ހުކުމެއް ވަނީ އެ ކުޑަކުއްޖާގެ މައްޗަށް އަައިސްފައެެވެ.

މި މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. އެއީ އަހްމަދު ޝަމީމް އާއި ޝަރަފު ރަޝީދުގެ އިތުރުން މުހައްމަދު މާޒިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު މިހާރު ދަނީ އެމައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން