އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން ރައްޔިތުން ރަށު ބަންދުން ވީއްލިގެންދާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދު ﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ދަައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބުދުﷲ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އުއްމީދީ ބަޖެޓެއް ކަމަށެވެ. ބަޖެޓް އެކުލަވާލާފައިވަނީ ރައްޔިތުން އެންމެ އެދޭ ދާއިރާތަކަށް އިސްކަންދީގެން ކަަމަށް ޔައުގޫބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަޖެޓުން ރާއްޖޭގެ ރައްޔިތުން ރަށު ބަންދުން ވީއްލިގެންދާނެ ކަމަށެވެ. އެގޮތުން އާރުޓީއެލް ފެރީގެ ނިޒާމް ބޮޑު ތިލަދުންމަތީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ކަމަށާއި ހުވަދޫ އާއި އައްޑޫ އާއި ފުވައްމުލަކުވެސް އާރުޓީއެލް ފެރީގެ ނިޒާމަކުންް ގުޅާލެވިގެންދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"އެހެންވީމަ މުޅި ރާއްޖެ އެކީ އެކައްޗަށް ރަށު ބަންދުން ވީއްލިގެންދާނެ އިރާދަކުރެއްވިޔާ މި ބަޖެޓް ތަންފީޒު ކުރެވިގެންދާއިރު، ރައްޔިތުންނަށް އުއްމީދީ ބަޖެޓެކޭ ދަންނަވާ ސަބަބަކީ އެއީ އަދި ދަތުރުފަތުރު ނުކުރާ ރައްޔިތުންނަށް އިހުސާސެއް ނުކުރެވޭ ހެނދުނު ގޮސްފައި ހަވީރު ރަށައް އައުމަކީ ކިހާވަރެއްގެ އިހުސާސެއް ކަމެެއް އެލިބެނީ ކިހާވަރެއްގެ ހިތްހަމަޖެހުމެއް ކަމެއް އޭގެ ސަބަބުން ލިބެނީ، ކިހާވަރެއްގެ އިގްތިސާދީ މަންފާ އެއް ކަމެއް އިހުސާސެއް ނުކުރެވޭ، އަޅުގަނޑަށް މިދޭތެރެއިން ވެސް ދެކުނުގެ މީހަކު އުތުރަށް ގޮސްފައި އެ ޚިދުމަތުގެ ބޭނުންކޮށްފައި ގުޅާފައި ބުނީ އަދި ކިރިޔާ އޭ ތިމަންނަ މެން ހިތްހަމަޖެހޭ ހިތަށްވެސް ނުގެންނަހާ ރަނގަޅުކަމެއް އެއްވެސް ސަރުކާރަކުން މިކުރީ،" ޔައުގޫބް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެެވެ. މީގެ ތެރޭގައި ޚަރަދުގެ ގޮތުގައި ހިނގާ 40.6 ބިލިއަން ރުފިޔާ އާއި ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ ހިމެނެއެެވެ.

އިއްޔެ މަޖިލީހަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށާއި މީހުން ގުޅިފައި އޮތުމަކީ ތަސައްވުރުކުރާ ޖަޒީރާ ތަރައްޤީގެ މުހިއްމު އުންސުރެއްކަމަށެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކުން ހަޤީޤަތަކަށް ހަދައިދެނީ މި ތަސައްވުރުކަމަށާއި އާރު.ޓީ.އެލްގެ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބޮޑު ތިލަދުންމަތި އެވަނީ އެފަސޭހައިގެ ތެރޭގައި. ފަސޭހަކަމާއެކު، ބާރަށް ދުވާ ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅުން ކޮންމެހެން މުހިންމު. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލް.ގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނާ، ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިއްޖެ. ހަމައެއާއެކު، އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ. އަދި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލެވޭނެ." އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން