ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ، ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުއާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށެވެ.

ޖޭއެސްސީން ބުނީ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ޤަޟިއްޔާ ބެލުމުން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށް އެ ޤަޟިއްޔާ ބެލުމާ އަލުން ޙަވާލުވެފައިވާ ކަމަށެވެ.

"މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ޙަވާލުވެ ޤަޟިއްޔާ ހިންގާފައިވަނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުގެ މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށް،" ޖޭއެސްސީން ވަނީ ނިންމާފައެވެ.

މިކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފު އަމަލަކަށްވާތީ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން