ޓެކްސް ބޮޑުނުކޮށްފިނަަމަ އޭގެ ނޭދެވޭ އަސަރުކުރާނީ ރައްޔިތުންނަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުންފެށިގެން ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ސަރުކާރުގެ މިނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާއި ގުޅިގެން ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ، ރައްޔިތުންގެ މަންފާއާއި ލާބައަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޓެކްސް ބޮޑުކުރުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ގައުމުތަކުގައި އެކަން ކުރާގޮތް ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

އަދި މިވަގުތު ޓެކްސް ބޮޑުނުކޮށްފިނަމަ އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. ޑރ.ޑީޑީ ވިދާޅުވީ ޓެކްސް ބޮޑުކުރުމާއިއެކު ބައެއް ފިޔަވަޅުތައް ސަރުކާރުން އަޅަންޖެހޭ ކަމަށެވެ. އަދި އެފިޔަވަޅުތައް އަޅާތަން ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



"މިސާލަކަށް ތަކެތީ އަގު ބޮޑުވެފައިވާ މިންވަރު، އެހެންވެއްޖެ ކަމަށްވާނަމަ އެއަށްވެސް ކޮންމެވެސް ކަހަލަ ލުޔެއް ނުވަތަ މުޅި ސަރުކާރުގެ މުޅި ދައުލަތުގެ ޚަރަދު ކުޑަކުރެވޭނެ ސިޔާސަތުތަކެއް އެބަ ތައާރަފްވާންޖެހޭ ސަރުކާރުން އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް އެޅޭ މަންޒަރު ފެންނަން އެބަޖެހޭ. ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް ގެންނަން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފެންނަން އެބަޖެހޭ. އަޅުގަނޑުމެންނަކަށް ނުފެނޭ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް ގެންނަން އެޅި ފިޔަވަޅެއް،" ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޑީޑީ ވިދާޅުވީ މިވަގުތު ސަރުކާރުން ކުރާ ބޮޑެތި ހޭދަތައް ކުޑަކުރަންޖެހޭ ކަަމަށެވެ. އެފަދަ ހެއު ބަދަލުތަކާއެކު ޓެކްސް ބޮޑުކުރާނަމަ ރައްޔިތުންގެ ކަންބޮޑުވުންތައް ނުހުންނާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ވެސް ސަރުކާރަށް ހައްލު ކުރެވޭނެ ކަމަށެވެ. އެމައްސަލަ ހައްލު ނުވެގެން އުޅެނީ މަނިޓަރީއާއި ބެހޭ ގާނޫނެއް ނެތިގެން ނޫން ކަމަށާއި، ސަރުކާރާއި ސެންޓްރަލް ބޭންކާއި ގުޅިގެން މަސައްކަތްކޮށްފިނަަމަ އެކަމުގެ ހައްލު ފެންނާނެ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެެވެ.

"މަނިޓަރީ ގާނޫނު ބުނާގޮތުން ރާއްޖޭގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށް ގެންދަންޖެހޭނީ ދިވެހި ފައިސާއިން. އެހެން ނަމަވެސް މައުމޫން ޒަމާނުއްސުރެ އޮތް އިސްތިސްނާއެއް އެބައޮވޭ ރިސޯޓްތަކަށް ދެވިފައި. އެހެންވީމަ އިސްތިސްނާ ނިމުމަކަށް ގެނެސްފައި ދިވެހި ފައިސާއިން ހުރިހާ މުއާމަލާތެއް ކުރަން ސަރުކާރުން ބާރުއަޅައި ސެންޓްރަލް ބޭންކުން އެކަން އިއުލާނުކުރާ ހިސާބުން ފެށިގެން ވެސް މި ބްލެކް މާކެޓް މައްސަލަ ހައްލުވާނެ." ޑރ. ޑީޑީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

އާދަމް

08-Nov-2022

ސަރުކާރުގެ ކުންފުނި ތަކުން ޓެކުސް ނުނަގަނީ ރައްތުންނަށް ގެއްލުން ވެދާނެތީތޯ


7

އާދަމް

08-Nov-2022

ސަރުކާރުގެ ކުންފުނި ތަކުން ޓެކުސް ނުނަގަނީ ރައްތުންނަށް ގެއްލުން ވެދާނެތީތޯ



ޓްރެންޑިން