ވިލުރީފް ރިސޯޓް: މިއީ ސަން ޝިޔާމް ކުންފުނި ދަށުން ހިންގާ ރިސޯޓެެއް
ވިލުރީފް ރިސޯޓް: މިއީ ސަން ޝިޔާމް ކުންފުނި ދަށުން ހިންގާ ރިސޯޓެެއް
މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް، ސަން ސިޔާމް ކުންފުނީގެ ދަށުން ހިންގާ ސަން އެކުއާ އިރުވެލީގައި މަސައްކަތްކުރި މުވައްޒަފަކު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމާ ގުޅިގެން އެ މުވައްޒަފަށް 1.4 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސަން އިންވެސްޓްމެންޓުގެ މައްޗަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެޒިޑެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެެ.

އެމައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށައެޅުމުން ޓްރައިބިއުނަލުން ކުރި ހުކުމްގައި ބުނެފައިވަނީ ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެޒިޑެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި އެ މުވައްޒަފު، 2019 ވަނަ އަހަރުން ފެށިގެން ދެ އަހަރު ވަންދެން އެ ވަޒީފާގައި ހުރި ކަމަށާއި ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައިވަނީ އެ މުވައްޒަފު ވަޒީފާގައި އުޅުނު މުއްދަތުގައި މުސާރަ އާއި އިނާޔަތުގައި އުނިކޮށްފައިވާ ކަމަށް ފެންނަ 993،000ރ. ދޭންޖެހޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ރެޒިޑެންޓް މެނޭޖަރުގެ މަގާމުގެ މުސާރަ އާއި އިނާޔަތުގެ ހަ މަސް ދުވަހުގެ މުއްދަތަށްވާ 462،600ރ. ދޭން ޖެހޭނެ ކަމަށްވެސް އެ ނިއްމުމުގައި ބުނެފައިވެއެވެ.

ޓްރައިބިއުނަލްގެ ނިއްމުމުގައިވާގޮތުން އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކި ކުރަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތި، އެއްވެސް ނޯޓިިސްއެއް ނުދީ އެވެ. މި މައްސަލަ ރައްދުވާ، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން މި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެެވެ.

ރަސް އޮންލައިން އަށް މައުލޫމާތު ދެމުން މުވައްޒަފު ބުނީ ވަޒީފާއިން ވަކިކުރީ ކޮވިޑް ތެރޭގައި އެހެން ކުންފުނި ތަކެކޭވެސް އެއްފަދައިން ސަން ސިޔާމްގެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށްފަހު ކޮވިޑަށްފަހު ރިސޯޓަށް އަންނަ ފަތުރުވެރިން ގިނަވެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނީ ކޮން އިރަކުންތޯ އަހާ ސުވާލު ކުރުމުން އުފެދުނު ހިތްހަމަނުޖެހުމުގެ ތެރެއިން ކަަމަށެވެ. އެ ސުވާލު ކުރީ ރިސޯޓުގެ މުވައްޒަފުންގެ ކަންކަމާބެހޭ އެންމެ އިސްވެރިޔާއާއި ކަމަށާއި ޖަވާބުގައި އޭނާ ވަޒީފާގައި ބެހެއްޓެން ނެތް ވާހަކަ ބުނެ، ނޯޓިސްއެއް ލިޔުމެއް ނުދީ ވަޒީފާއިން ވަކިކުރީ ކަމަށް އެމުވައްޒަފު ބުނެފައިވެއެވެ.

މުސާރަ ބޮޑުކޮށްދޭން އެދުމުން ވަޒީފާއިން ވަކިކުރި މުވައްޒަފަކީ ރިސޯޓް ދާއިރާގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި މަގާމްތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފެކެެވެ.


ކިޔުންތެރިންގެ ހިޔާލު


3

ކުޗކުޗު

11-Nov-2022

ލިބިއްޖިއްޔާ ނަސީބު



ޓްރެންޑިން