ރާއްޖޭގެ ވިސާ ފެސިލިޓޭޝަން ސެންޓަރުގައި ހަންގޭރީން ބައިވެރިވުމުން ޔޫރަޕުގެ ފަސް ގައުމަކަށް ވިސާ ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ހަންގޭރީގެ ފޮރިން މިނިސްޓަރ ޕީޓަރ ސިއާޓޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއެކު ބޭއްވި މަޝްވަރާތަކަށްފަހު ދެ ޤައުމުން އިއްވެވިވި ގުޅިފައިވާ ބަޔާނުގައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ވިސާ ފެސިލިޓޭޝަން ސެންޓަރުގައި ހަންގޭރީން ބައިވެރިވުމަށް ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ވިސާ ފެސިލިޓީ މެދުވެރިކޮށް ޔޫރަޕުގެ ފަސް ގައުމަކަށް ވިސާ ހޯދުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށެވެ.



"އީޔޫގެ މެމްބަރު ގައުމުތަކަށް ދިވެހިންނަށް ވިސާ އާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް މިނިސްޓަރ ސިއާޓޯ ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރ ޕީޓަރ ސިއާޓޯ ވިދާޅުވީ މިވަގުތު ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޑިއުޓީ މަޢާފްކޮށްދީފައި ނުވަނީ ހަމައެކަނި ދިވެހިރާއްޖެއަށް ކަމަށާއި އެކަން ހައްލުކުރަން ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި އެކަމަށް ހަންގޭރީގެ ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ސިއާޓޯ ދެއްވިއެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި ދެޤައުމުގެދެމެދު ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.

ރާއްޖެއާއި ހަންގޭރީން މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި އިޤްތިޞާދީ ދާއިރާ، މަތީ ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ ހިމެނެއެވެ.



އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފްއެވެ. މީގެ އިތުރަށް ހަންގޭރީން މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންއެވެ. މި އެއްބަސްވުންތަކުގައި ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓާ ސިޔާރޓޯއެވެ.

މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން ހަންގޭރީއާއެކު 2021 ވަނަ އަހަރު ވެފައިވާ އެއްބސްވުން 2024 ވަނަ އަހަރާހަމައަށް ވަނީ ދަމަހައްޓާފައެވެ. މިގޮތުން 2021 ވަނަ އަހަރު ފޯރުކޮށްދިން 15 ސްކޮލަރޝިޕްގެ ފުރުޞަތު، 2024 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 25 ސްކޮލަރޝިޕަށް އިތުރުކޮށް ދިނުމަށް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު