ތިލަމާލެ ބްރިޖް މަޝްރޫޢުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބެއްގެ މަސައްކަތް ފަށައިފިއެވެ.

ބްރިޖުގެ މަސައްކަތް ވިލަރެސްކުރާ ޕްލޭނިންގ މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލް ތަކުގެ ތެރެއިން ޓެސްޓް ޕައިލް "ޓީޕީ 01"ގެ ކޮންކްރީޓް މަސައްކަތް ވަނީ ފަށާފައިކަމަށެވެ. އަދި މި މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުންކުރަމުންކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.



ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.

ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މިމަސައްކަތަށް ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން