އަހުމަދު މަސްނޫމް   9 ނޮވެމްބަރު 2022 - 22:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިޓަލީ ވިލާތުގެ ރޯމްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މިއީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެނުއަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި އެމަނިކުފާނު ރޯމަަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ކުރެއްވި ދަތުރުފުޅަށްފަހު މިސްރުންކަމަށް އެ އިދާރާއިން ބުނެއެވެ.



މަޖިލީހުގެ އިދާރާއިން ބުނީ ހެބިޓަބަލް ޕްރޮޖެކްޓްގެ މަޤްސަދަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތަކާއި ހިޖުރަކުރުމާއި ޑިސްޕްލޭސްމަންޓް ޕެޓަރސްއާ ދެމެދު އޮންނަ ގުޅުންތައް ދެނެގަތުމާއި ކުރިއަށް އޮތްތަނުގައި އަންނާނެ ބަދަލުތައް ލަފާކުރެމެވެ.



ހަތަރު އަހަރަށް (2020-2024) ކުރިއަށްދާ ޕްރޮޖެކްޓްގައި 17 ޤައުމަކުން 21 ޕާޓްނަރުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ހެބިޓަބަލް ޕްރޮޖެކްޓްގެ ހުރިހާ ބައިވެރިން އެއްވެ، ޕްރޮޖެކްޓް ހިންގުމާ ބެހޭގޮތުން މަޝްވަރާކޮށް، ނަތީޖާތައް ހުށަހަޅުއްވާނެއެވެ.

ރައީސް މުހައްމަދު ނަޝީދަކީ ހެބިޓަބަލް ޕްރޮޖެކްޓްގެ އެޑްވައިޒަރީ ބޯޑު މެމްބަރެކެވެ. މި ދަތުރުފުޅާ ގުޅޭ ހުރިހާ ހަރަދެއް ކުރާނީ ހެބިޓަބަލް ޕްރޮޖެކްޓްގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ޔުނިވަރސިޓީ އޮފް ލީޖްގެ ފަރާތުންކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން