ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސަރުކާރުން ހިންގަމުންދާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިއަދު ވަނީ އަލިފާނުގެ ހާދިސާގައި ބިދޭސީ މަސައްކަތްތެރީންގެ ގިނަބަޔަކު މަރުވެ އެކިވަރުގެ އަނިޔާތައް ގިނަ ބަޔަކަށް ވެފައިވާކަމުގެ ހަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމަށް ވިދާޅުވެ އެ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

އަދި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ސަރުކާރުން ކުރަމުން ގެންދާކަމަށް ޝާހިދުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.

މ. ނިރުފެހި ގޭގައި ހިނގި މި ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވާފައެވެ.

އެމްއެންޑީއެފުން ބުނާގޮތުގައި، މަރުވި މީހުން ތިބި އިމާރާތުގެ ތިރީގައި ދިޔައީ ގަރާޖެއް ހިންގަމުން ކަމަށާއި އެތަނަކީ މީގެ ކުރިންވެސް އަލިފާނުގެ އެކި ހާދިސާތައް ހިނގާފައިވާ ތަނެއްކަމަށެވެ. އަދި މަރުވި މީހުންގެ ހަށިގަނޑު ފެނުންއިރު ވަރަށް ބޮޑަށް އަނދާފައިވާ ކަމަށާއި އެހެންކަމުން ބައެއް ހަށިގަނޑުތަކުގެ ޖިންސު ވަކިކުރަން ދަތިވާކަމަށް ވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން