ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައި.ޔޫ.ޔޫ.) ގެ ރައީސް ޕްރޮފެސަރ ޑރ މުޙައްމަދު ޚައިރް އަލް-ގަބާނީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި، އެޔޫނިއަންގެ އިސްއެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސާއި އެބޭފުޅާއާއެކު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްގީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އައިޔޫޔޫގެ ރައީސް ޕްރޮފެސަރ އަލް-ގަބާނީ ވަނީ، އެޔޫނިއަންގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މިގޮތުން އެޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސް ތަކާއި ސެމިނާރތަކުގެ މައުލޫމާތު ހިމެނޭ ލުއިފޮތަކާއި، ޢުޘްމާނީ ޚިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައެވެ.

އަދި އެޔޫނިއަންގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.

މިބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މިނޮވެންބަރު މަހުގެ 24 އިން 27އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 9 ވަނަ "އޯއައިސީ ހަލާލް އެކްސްޕޯ" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުއްވާފައެވެ. އަދި އަންނަ އަހަރު މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިބައްދަލުވުމުގައި އައިޔޫޔޫ އިން ވަނީ ފާޅުކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެކަމަށް އައިޔޫޔޫ އިން މަޢުލޫމާތު ދެއްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން