ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ގަރާޖު ހިންގަމުން ދިޔައީ ހުއްދަ ނުހޯދާކަމަށް ބުނަމުންދާވާހަކަ އެތަނުގެ ވެރިފަރާތުން ދޮގު ކޮށްފިއެވެ.

"ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ގަރާޖުގެ ވެރިފަރާތުން ބުނީ، އެތަން ހިންގީ ހުއްދަ ނުހޯދާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނީ ގަރާޖަކީ ހުއްދަ ހޯދައިގެން ހިންގާ ތަނެއްކަމަށާއި ނަމަވެސް، އެ ހުއްދަ އޮންނާނީ ގަރާޖު ތެރޭގައި ކަމަށާއި އެ ލިޔުން ރޭގެ ހާދިސާގައި އަނދައިގެން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް، އޭނާގެ ފޯނުގައި މިހާރުވެސް އެ ހުއްދައިގެ ފޮޓޯ އެބަހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ މިހެން ބުނެފައިވާއިރު ސިޓީ ކައުންސިލާއި ހަވާލާދީ ބައެއް ނޫސްތަކުންވަނީ އެ ތަނަކީ ހުއްދަ ނުހޯދާ ހިންގާ ތަނެއްކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

ގަރާޖުގެ ވެރިފަރާތުން ބުނީ، ރޭ ގަރާޖުގެ މަސައްކަތް ނިންމާ އޭނާ އެތަން ތަޅުލާފައި ގެއަށް ދިޔައީ ބްރޭކަރު ތަކުން ކަރަންޓް ކަނޑާލުމަށްފަހުގައި ކަމަށެވެ. އަދި އެތަނުގައި އެވަގުތު ދިއްލާފައި އިންނާނީ ހަމަ އެންމެ ބޮތްކެއް ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން އެންމެ ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ގޭގެ މަތީބައިގައި އުޅޭ މީހުން މައްޗަށް އަރަނީ ގަރާޖު ތެރެއިން ނޫންކަމަށާއި އެއީ މުޅިން ވަކިން ވަދެނުކުމެ ހަދާ ބައެއްކަމަށެވެ.

"ގާތްގަނޑަކަށް 10 ލައްކައަށް އަރާނެ ގެއްލުން. ހަމައެކަނި އަޅުގަނޑުމެން ކޮންސްޓްރަކްޝަން ސައިޓުގައި ތަޅަން ގެންގުޅޭ ބަޑިތަކަށްވެސް އަރާނެ އެއްލައްކަ ވިހިވަރު. އަދި އެތާ އޮންނާނެ ދެ ޕިކަޕު. ހަތަރުފަސް އިންޖީނު އުޅޭނެ. އަދި ބޭރުގައި އޮތް ދެކާރުން އެއް ކާރުގެ އިންޖީނުވެސް އިންނާނެ. އެއް ކާރުގެ ވިންޑް ސްކްރީން ތަޅައިގެން ގޮސްފައި." ގަރާޖުގެ ވެރިފަރާތުން ބުންޏެވެ.

އޭނާ ބުނީ، ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި މިއީ 3 ވަނަ ފަހަރުކަމަށް ބުނެ ދައްކަނީ ވެސް ދޮގު ވާހަކައެއް ކަމަށެވެ. އެގޮތުން އޭނާ އެތަން ހިންގަން ފެށިފަހުން މީގެ ކުރިންވެސް އަލިފާނުގެ އެއް ހާދިސާ ހިނގި ކަމަށާއި ނަމަވެސް، މިހާރުވެސް އެތަނުގައި އަލިފާން ނިއްވާ ސާމާނު ބަހައްޓާފައި ހުންނާނެކަމަށް އޭނާ ބުންޏެވެ.

ރޭ ހިނގި މި ހާދިސާއަކީ މިހާތަނަށް މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މިހާތަނަށް ޖުމުލަ 10 މީހުން މަރުވެފައިވާއިރު އެ މީހުންގެ ހަށިގަނޑުތައް އޮތީ ވަރަށް ބޮޑަށް ފިހިފައިކަމުން އެ މީހުންނަކީ ކޮންބައެއްކަމެއް އަދި އެ މީހުންގެ ޖިންސުވެސް ވަކިކުރަން ދަތިކަމަށް ފުލުހުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތިމަންނަ

12-Nov-2022

މި ގައުމުގެ އިންސާފުއޮންނަ ގޮތުން ތިޔަ މައްސަލަ ނިމޭއިރު ގަރާޖުގެ ވެރިފަރާތަށް މިލިޔަނެއްހާ ރުފިޔާ ލިބޭގޮތަށް ހުކުމެއް އަންނާނެ ކަމަށް ބެލެވޭ...



ޓްރެންޑިން